
ލ. އަތޮޅަކީ ސަރަހައްދީ ތަރައްގީގެ މައިގަނޑު
މަރުކަޒެއް ގާއިމުކުރުމަށާއި ފުދުންތެރި އިގުތިސޯދީ ބާރެއްގެ ގޮތުގައި
ބިނާކުރުމަށް އެފަދަ ދެވަނައެއް ނުވާފަދަ ސަރަހައްދެކެވެ. އިންތިހާބީ ރައީސް
އިބުރާހީމް މުހައްމަދު ސޯލިހުވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ.
އެ އަތޮޅު ބެހިފައިވަނީ މައިގަނޑު ތިން
ބަޔަކަށެވެ. އެއީ:
1. އިސްދޫ ޓައުން،
2. ލާމު ސިޓީ އަދި
3. ހިތަދޫ ޓައުން އެވެ.
އިސްދޫ ޓައުނަކީ ލ. އަތޮޅުގެ އުތުރުބިތުގައިވާ
ރަށްރަށުގެ މައްޗަށް އެކުލެވިގެންވާ ޓައުނެވެ. އެ ޓައުން ގައި ހިމެނެނީ އިސްދޫ،
ކަލައިދޫ އަދި ދަނބިދޫއެވެ. އިސްދޫއާއި ކަލައިދޫ މިހާރުވެސް އޮތީ އެއްފަހުގައެވެ.
ފިސާރި ކައިރީގައި އޮތް ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމަކީ ރައީސް އިބޫގެ ރިޔާސީ
ވައުދެކެވެ.
ހިތަދޫ ޓައުން އަކީ ލ. އަތޮޅުގެ
ދެކުނުބިތުގައިވާ ރަށްރަށުގެ މައިމަރުކަޒެވެ. އިހުގައިވެސް، ލ. އަތޮޅުގައި ތިން
މަރުކަޒެއް ގާއިމުކުރުމަށް ކުރެވުނު މަސައްކަތުގައި، ދެކުނުބިތުން
ފާހަގަކުރެވިފައިވަނީ ހިތަދޫއެވެ. އެއީ، ހިތަދޫ، މާމެންދޫ، ކުނަހަންދޫ އަދި
މާވަށުގެ ކުރިއެރުމާ ގުޅިފައިވާ މަރުކަޒެވެ.
އިހައްދުންމަތި، މިހާރުގެ ގޮތުން ނަމަ
ހައްދުންމަތި އުފެދިފަ އޮތްގޮތުން އަތޮޅުގެ މެދުތެރޭގައި އޮތީ ގަންފޮނަދޫއެވެ. ގަންފޮނަދޫ
އަކީ ސިޓީއަކަށް ހެދުމުގެ ހުރިހާ ސިފަތަކެއް ލިބިގެންވާ ސަރަހައްދެކެވެ. އަމުދުން،
ފުށިކަނޑުން ފެށިގެން ގާދޫ ކަނޑާ ހަމަޔަށް ދަމާލުމުން އެ ސިޓީގެ ތަސައްވަރު ވަރަށް
ސާފުވެގެން ދެއެވެ. ގަން، ފޮނަދޫ، މާންދޫ، ކައްދޫ، ގާދޫ، މުންޑޫ، މާބައިދޫގެ
އިތުރުން ބަރެސްދޫ ފަދަ ބޮޑެތި ބިންތައް އެއްފަޅުގައި އޮތުމުގެ ސަބަބުން މި
ސަރަހައްދު އެކަތިގަނޑެއްގެ ގޮތުގައި، ސިޓީއެއްގެ ގޮތުގައި ކޮޅަށް ޖެހުމަށް
މަގުފަހިވެގެން ދެއެވެ. އެއީ، ލ. އަތޮޅުގެ ރައްޔިތުންގެ ހުވަފެންތަކުގައި
ކުލަޖައްސައިދެވޭނެ "ލާމު ސިޓީ" އެވެ. މުޅި އަތޮޅުގެ އެންމެންގެ
ސިޓީއެވެ.
ލާމު ސިޓީގައި މިހާރުވެސް 12000 މީހުންގެ
އާބާދީއެއް އެބައޮތެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމަކީ ފުޅާ
ދާއިރާއެއްގައި ކުރަމުންދާ އިގުތިސޯދީ މަސައްކަތްތަކެވެ. މާންދޫއަކީ
އިންޑަސްޓްރިއަލް ރަށެކެވެ. ކައްދޫގައި އެއާޕޯޓެއް އެބައޮތެވެ. ބަރެސްދޫ އަކީ
ފަތުރުވެރިކަމުގެ މަރުކަޒަކަށް ވަނީއެވެ. ގަންފޮނަދޫގައި ސްކޫލުތަކާއި
ކޮލެޖްތަކުން ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދެއެވެ. ގަމުގައި ރީޖަނަލް
ހޮސްޕިޓަލް ހުރެއެވެ. ދިރިއުޅުމަށް ފަސޭހަވެފައި، ޖަޒީރާވަންތަ ދިރިއުޅުމެއްގެ
ހުރިހާ ސިފަތަކެއް މިހާރުވެސް މި ސިޓީއިން ފެނެއެވެ.
ކަންމިހެން އޮތުމާއެކު، ލ. އަތޮޅުގެ
ރައްޔިތުންގެ ހުވަފެނަކީ ލަސްތަކެއް ނުވެ، ރަސްމީކޮށް "ލާމު ސިޓީ" އުފެދިގެން
އައުމެވެ.