ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް،
އިންތިހާބީ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު މިވަނީ ޖަޒީރާވަންތަ ނަމަކާއެކު،
އާންމު ބައްދަލުވުންތަކެއް މިރެއިން ފެށިގެން ބާއްވަން ފަށާފައެވެ.
"ޖަޒީރާ ހޮޅުއަށި" މި ނަމުގައި މިރޭ
20:30 ގައި، މާލޭ ދަރުބާރުގޭގައި ފެށިގެން މިދިޔަ ހިޔާލުހޯދުމުގެ
ބައްދަލުވުންތަކަގެ ބޭނުމަކީ ރައްޔިތުންގެ އަޑު ގާތުން އެހުމެވެ. ރައްޔިތުންނަށް
ދަތިއުނދަގޫވާ ކަންކަމާމެދު ޝުއޫރުފާޅުކުރުމުގެ ފުރުޞަތު ހުޅުވާލުމެވެ.
އެގޮތުން މިރޭގެ މައުލޫއަކީ މާލޭގެ
މަގުތަކެވެ.
އެންމެނަށްވެސް އެނގޭނޭ ފަދައިން މާލޭގެ
މަގުތައް މިވަނީ ފިސާރި ކާރޫބާރޫ ބޮޑުވެފައެވެ. އަޑިގުޑަންވެފައެވެ. ގަނބާފައެވެ.
ޕެޗްއަޅަންޖެހިފައެވެ. ނުވިތާކަށް، ފުލައިވުޑް ފިލާމަތީގައި އެޅި ތާރުގަނޑުތައް
އެތަންމިތަނުން ނެއްޓި، މަގު ބޭނުންކުރުމަކީ ދުއްތުރާލަކަށް ވެފައެވެ.
މި ހުރިހާ ކަމެއްގެވެސް އަސްލަކީ، މާލޭގެ
މަގުތަކަށް ނުކަތާމިނަށް އެ މަގުތަކަށް މީހުންނާއި އެއްގަމު އުޅަނދާއި
ހެލިފެލިވުން ޖަމާކުރުމެވެ. ކުޑަކުޑަ އަލިފާންފޮއްޓެއްވަރުގެ މާލޭގައި އެތައް
ލައްކަ ބަޔަކު އެބަދިރިއުޅެއެވެ. ބައިލައްކަ ސައިކަލާއި ހައެއްކަހާސް ކާރު
އެބަދުއްވައެވެ. މީގެ އިތުރުން ބޮޑެތި ލޮރީތަކާއި ޓްރަކްތަކާއި ފޯކްލިފްޓްތައް
ނުހަނު ހަލުއިކޮށް އެބަ ހަރަކާތްތެރިވެއެވެ. މީހުންގެ ހެލިފެލިވުމާއި
އިމާރާތްކުރުމުގެ މަސައްކަތްތަކާއި ބިމުން ފެންދެމުންވެސް އިންތިހާއެވެ.
"އައުޓް އޮފް ދަ ބޮކްސް" އަށް
ވިސްނުން ބައްޓަންކުރަން ކިޔާމީހުންނަކީ ގިނަބައެކެވެ. އެހެނަސް، މާލޭގެ
ކަންކަމާޖެހުނީމާ، އާންމުކޮށް ހައްލެއް ހޯދުމަށް ނަޒަރު ހިންގާލާއިރު މުޅިންވެސް
ހިޔާލަށް އަންނަނީ ބޮޑުތަކުރުފާނު މަގުން އެތެރޭގައި، އާދެ "ބޮކްސް" ގެ
އެތެރޭގައި ލިބެން ހުރި ހައްލުތަކެވެ.
އޭގެ ތެރޭގައި، މެކޭނިކަލް ޕާކިންގ ސިސްޓަމް
ބޭނުންކުރަންފެށުމާއި ރާއްޖެއަށް އެތެރެކުރެވޭ އެއްގަމު އުޅަނދު މަދުކުރުން
ހިމެނެއެވެ. އެހެންނަމަވެސް، އެ ހުރިހާ ސަކަރާތެއް ޖަހާތާ އެތައް އަހަރެއް
ވީއިރުވެސް ކަންކަންދަނީ ގޯހުން ގޯހަށެވެ.
ކަންމިހެން އޮތުމާއެކު، "ޖަޒީރާ
ހޮޅުއަށި" މީ އެބުނާ ބޮކްސް އިން ބޭރަށް ނަޒަރު ހިންގާލަން ލިބޭ
ފުރުސަތެކެވެ.
ހަގީގަތުގައި މާލޭގެ މަގުތަކަށް ލުޔެއް ލިބެންއޮތީ
މާލެ ނޫން އެހެން ބައެއް ސަރަހައްދުތަކުން ލިބޭ އަސާސީ ސިއްހީ ހިދުމަތާއި
ތައުލީމާއި އިގުތިސޯދީ ފުރުސަތުތައް މިހާރަށްވުރެ ރަނގަޅުކޮށްދީގެންނެވެ. އިއްތިހާދުގެ
މެނިފެސްޓޯގައި ވާފަދައިން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އާބަން
ސެންޓަރުތަކެއް ބިނާކޮށްގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ، ސަރަހައްދީ ތަރައްގީ
ކަށަވަރުކޮށްދީގެންނެވެ.