ތޮއްޖެހިފައިވާ މާލޭގެ ވަޒަންވެރީންނަށް ޖަޒީރާ ދިރިއުޅުމެއް ހޯދައިދެވެން އޮތީ ކިހިނެތް؟

Saturday, 13 October 2018 | 00:47


މަރުކަޒީ ވިސްނުމުގެ ފަރާތްތަކުން ގެންގުޅޭ މާއްދިއްޔަތަށް ބަރޯސާވާ ސިޔާސަތުތަކުގެ ދަށުން، މުޅި ރާއްޖޭގައި އަތްފުނާ އަޅައިގެން، މާލެއަށް ނުކަތާމިނަށް އެތަނަށް މީހުން ޖަމާކޮށްފިއެވެ. މިއަދު، ދިވެހީން ތަހައްމަލުކުރަމުން މިދާ ވޭނާއި ކެކުޅުމުގެ މައިގަނޑު އަސްލަކީ އެއީއެވެ.

މާލެއަކީ އިންސާނުން ދިރިއުޅުމަށް ނުކުޅަދާނަތަނަކަށް ހެދީ ދެގޮތަކުންނެވެ. ފުރަތަމަ ގޮތަކީ، މާލެ އަރައިގެން ނޫނީ ޒަރޫރީ ހިދުމަތްތައް ލިބެން ނުހުންނަގޮތަށް ނިޒާމު ބައްޓަންކުރުމެވެ. ނަތީޖާއަކީ، ތިމާ ދިރިއުޅޭ ޖަޒީރާވަންތަ ވެހި ދޫކޮށް، މާލޭ ކޮތަރުކޮށްޓެއްގައި ހައްޔަރުވުމަށް ދާންޖެހުމެވެ. ދެވަނަ ގޮތަކީ، މާލެއަށް މީހުން އެރުމަށް ޝައުގުވެރިވަނިވި ކަންކަން ދައުލަތުގެ ޚަރަދުގައި އިންތިހާއަށް ކުރުމެވެ. އޭގެ މިސާލަކަށް ބަލާއިރު، ނިމިދިޔަ ކޮންކުރީޓް ތަރައްގީގެ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން 80 ބިލިޔަން ރުފިޔާގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔަ ކަމަށް ސަރުކާރުން ބުނާއިރު، އޭގެ ތެރެއިން 70 ބިލިޔަން ހޭދަކުރީ މާލެއަށް އެކަންޏެވެ.

ނަތީޖާއަކީ، މާލޭގެ ވަޒަންވެރީންނަށް ހުރި ނުހޮރައްޕާނަކަށް އެކަން ވެގެންދިއުމެވެ. ހަމަނޭވާ ނުލެވޭވަރަށް މާލޭގެ މަގުތައް ފުރިއްޖެއެވެ. އެއްގަމު އުޅަނދެއް ޕާކްކޮށްލާނެ ތަންކޮޅެއް ނެތެވެ. ބަރިބަރިޔަށް، މަތިމައްޗަށް މީހުން ތިބެގެން ނޫނީ ރޭގަނޑުގެ ނިދިކޮޅުވެސް ލިބޭކަށްނެތެވެ. ހިނގާބިނގާވެ އުޅުމަށް ދަތިވެއްޖެއެވެ. ޓްރެފިކްގައި ޖެހި ހަޔާތުން ގިނަ ވަގުތުތަކެއް ބޭކާރުވާން ފަށައިފިއެވެ.

ކަންމިހެން އޮތުމާއެކު، ޖަޒީރާވަންތަ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މިހާރުން މިހާރަށްވެސް ކުރަންޖެހިފައިވާ ކަމަކީ، މާލޭގެ ވަޒަންވެރީންނަށް ހަމަނޭވާ ލެވޭނެ ގޮތް ހަދައިދިނުމެވެ. އެކަމަކު، ކިހިނެތް ހެއްޔެވެ؟

ހުރިހާ އެންމެނަށްވެސް، ހައްލު ފެންނަނީ މާލެ ތެރެއިންނެވެ. އޭގެތެރޭގައި، މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބެހެއްޓުމާއި، ތަންތަން ބުރިބުރިޔަށް ނެގުމާއި މިނޫންވެސް މިފަދަ ހިޔާލުތައް ހިމެނެއެވެ. އެހެންނަމަވެސް، މިއިން އެއްވެސް ކަމަކުން މިއަދާހަމަޔަށް އައިއިރުވެސް އެއްވެސް މައްސަލައެއް ހައްލުވެފައެއް ނުވެއެވެ. ދިޔައީ ގޯހުން ގޯހަށެވެ.

ކަންމިހެން އޮތުމާއެކު، މިއަދު މިވަނީ އިތުރު މަގަކުން ހައްލެއް ލިބޭތޯ ބަލަންޖެހިފައެވެ. ނިކަމެތި އަޅުގަނޑުގެ ސިކުނޑިޔަށް ފެންނަ ހަމައެކަނި ހައްލަކީ، ސަރަހައްދީ ތަރައްގީއަށް ރުހި، ލާމަރުކަޒީ ވިސްނުމެއްގައި ތިބެ، މިރާއްޖޭގެ ބައެއް އެހެނިހެން ސަރަހައްދުތަކުގައި އާބަން ސެންޓަރުތަކެއް ގާއިމުކުރުމެވެ. ސިޓީއޭ ނުވަތަ ޓައުނޭ ކިއްޔަސް އެންމެ ރަނގަޅުތާއެވެ. އެތަންތަނަށް، އަސާސީ ހިދުމަތްތަކާއި ވަޒީފާގެ ބައެއް ފުރުސަތުތައް ފަހިވުމާއެކު ހިޖުރަވެރީންނަށް އޮންނަ ޗޮއިސް ފުޅާވެގެންދާނެއެވެ. އަދި، މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެ، ހިޖުރަވެރީންގެ މިސްރާބު ބަދަލުވާނެއެވެ.

ނަތީޖާއެއްގެ ގޮތުން، މާލޭގެ މަގުތަކަށް ލުޔެއް ލިބިގެންދާނެއެވެ. ހާސްކަން ފިލާފާނެތެވެ. އުދާހާއި ކަންބޮޑުވުންތައް މަދުވެ، ހަމަނޭވާއެއް ލެވިދާނެއެވެ. އަދި އަންނަން އޮތް ޖީލުތަކަށް ޖަޒީރާވަންތަ ދިރިއުޅުމެއް ކަށަވަރުކޮށްދެވިދާނެއެވެ.

ޝަރުތަކީ، އެންމެ ޝަރުތެކެވެ. ތިމާއަށް ލިބެމުންދާ ލުއިފަސޭހަ އަނެކާއަށް ވެސް ލިބުމަށް އެދުމެވެ. ތިމާއަށް ދަތިއުނދަގޫ މިވަނީ އަނެކާ ދަތިއުނދަގޫ ހާލުގައި އުޅުމަށް، ނިޒާމީގޮތުން ދޫކޮށްލާފައިވާތީކަން ދަނެގަނެ، މަރުކަޒީ ވިސްނުމަށް ނޫނެކޭބުނުމެވެ.

ތޮއްޖެހިފައިވާ މި މާލޭގެ ރައްވެހީންނަށް އޮތް މޮޅާއި ދެރަ ބިނާވެފައިވަނީ، ގައުމީ ތަރައްގީގެ ފޮނިމީރުކަން އަނެކާއަށްވެސް ދިނުމަށް މާލޭގެ ރައްވެހީން ރުހުނު މިންވަރެއްގެ މައްޗަށެވެ. ނިޒާމު މެދުވެރިކޮށް، މާލެއަށް މީހުންޖަމާކުރުމަށް ޖަހަމުންދާ ސަކަރާތް ހުއްޓުވުމަށް އަތުކުރިއޮޅާލި މިންވަރެއްގެ މައްޗަށެވެ.
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved