ދިވެހި ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސް އިންތިހާބު
ކުރުމަށް ދިވެހި ރައްޔިތުން ނިކުމެ، 2018 ސެޕްޓެމްބަރު 23 ވީ އާދީއްތަ ދުވަހު
ވޯޓްދީގެން، މިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި މިހާތަނަށް ފެނިފައިނުވާވަރުގެ
ފަރަގަކާއެކު، އިއްތިހާދުގެ ކެނޑިޑޭޓް އިބުރާހީމް މުހައްމަދު ސޯލިހު
އިންތިހާބުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ބޮޑު ބައްޔަކުން
ބަލިވުން ވެގެން ދިޔައީ އެމަނިކުފާނުގެ އިތުރުން ދިވެހި ދައުލަތުގެ މިނިވަން
މުސްތަގިއްލު އިދާރާތަކާއި، އެމަނިކުފާނުގެ މުސްތަޝާރުކަމުގެ ދަށުގައި އޮތް ޕާޓީގެ
އިސްމެންބަރުންނާއި އާންމު މެންބަރުންވެސް އެގޮތް މިގޮތަށް އުޅެގަތް ބައްޔަކަށެވެ.
ބޮޑު ބައްޔަކަށެވެ.
އިންތިހާބުގެ ނަތީޖާއިން އެންމެ ފާޅުކަން ބޮޑުގޮތެއްގައި
އެނގުނީ ތިން ކަމެކެވެ. ފުރަތަމަ ކަމަކީ، ކުރިޔަށް އޮތް ދައުރުގައި މި ރާއްޖޭގެ
ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާނީ މިހާރުގެ ރައީސް އަބުދުﷲ ޔާމީން
ނޫންކަމެވެ.
ދެވަނަ ކަމަކީ، އިންތިހާބުގެ ހުރިހާ
މަރުހަލާއެއްގައިވެސް ވަކި ޕާޓީއެއްގެ މީހުން ތިބެގެން ކުރިޔަށް ގެންދިޔަ މި
އިންތިހާބުގައި، ހަމަ އެ ޕާޓީގެ ކެނޑިޑޭޓު ނިކަން ބޮޑު ފަރަގަކުން
ބަލިވެފައިވާއިރު، އިންތިހާބުގެ ނަތީޖާ ބަލައިނުގަތުމަށް އެ ޕާޓީއިން ކޮށްފާނެ
އެއްވެސް ކަމަކަށް ދިވެހި ސިފައިންނާއި ފުލުހުން ތިބީ ތަރުހީބުދޭ ގޮތަށް
ނޫންކަމެވެ.
ތިންވަނަ ކަމަކީ، "މިނިވަން"
މުއައްސަސާތަކާއި ދައުލަތުގެ އެކިއެކި އިދާރާތަކަކީ ރައްޔިތުންނަށް
ހިދުމަތްކުރުމުގެ ބަދަލުގައި، އެވަގުތަކު ހުންނަ ރައީސަކު ރުހޭހާ ކަމެއް
ކޮށްދީގެން، ރައްޔިތުންގެ ޓެކްސްފައިސާއިން އުޖޫރަ ނަގައިގެން ތިބުމަށްޓަކައި
އެތަންތަނުގެ ވެރީން ސަކަރާތްޖަހަން ހުންނަ ތަންތަންކަމެވެ. މިސާލެއްގެ ގޮތުން
ނަގާހިތްވަނީ ދައުލަތުގެ މީޑިޔާއެވެ. އެނޫން ގިނަ ތަންތަންވެސް ހަމަ އެފަދައެވެ.
ދައުލަތުގެ މީޑިއާ އެފުށް މިފުށަށް
ޖެހިއްޖެއެވެ. އިދިކޮޅު ފަރާތްތަކަށް އާޑަފުރައްސާރަކޮށް މަލާމާތްކޮށް، ކެމްޕޭނުގެ
ވަގުތު ނިމުމަށްފަހުވެސް ރައީސް ޔާމީނަށް ކެމްޕޭންކޮށް އުޅުމަށްފަހު،
އިންތިހާބުގައި ރައީސް ޔާމީނު ބަލިވެއްޖެކަން ހަމަ އެނގުމާއެކު، އިދިކޮޅު ފަރާތްތަކުގެ
އުފާފާޅުކުރުމުގެ ހަރަކާތްތަކާއި ގައުމީ މަޖިލީހާއި މިނޫންވެސް ހުރިހާ ސަނގަލާއެއް
ގައުމީ ޓީވީއަށް އަތުވެއްޖެއެވެ. ދައުލަތުގެ މީޑިޔާ ސަރުކާރުން މިނިވަން ވީ
ހެއްޔެވެ؟ އިރުހިނގާ ދަނޑި ބަދަލުވީހެއްޔެވެ؟ ނުވަތަ، އެއް ފަރާތުން އަނެއް
ފަރާތަށް ދައުލަތުގެ މީޑިޔާ ދީއްލާލީހެއްޔެވެ؟ ރިޕޯޓަރުންނާއި ޕްރެޒެންޓަރުން،
ވެރީންގެ ކޮންޓްރޯލުން ވީއްލުނީހެއްޔެވެ؟
އިންތިހާބަކުން ރައީސް ޔާމީން ބަލިވުމަކީ
ގާނޫނަކުން ބާރުލިބިގެން ހިންގާ ދައުލަތުގެ މީޑިޔާ އެފުށް މިފުށަށް ޖެހެންޖެހޭ
ސަބަބެއް ނޫނެވެ. އެއް ނުފޫޒުން މިނިވަންވެ، އަނެއް ނުފޫޒެއްގެ ނިވަލަށް
ވަންނަންޖެހޭ ސަބަބެއް ނޫނެވެ. އެހެން ނޫނަސް، ރައީސް ޔާމީންގެ ދައުރު އަދި
ނިމުނީއަކީވެސް ނޫންވިއްޔާއެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ މިފަދަ
ތަންތަން ހިންގަންވާނީ ވަކި މީހަކަށްޓަކައެއް ނޫނެވެ. ވަކި ޕާޓީއަކަށް ޓަކައެއް
ނޫނެވެ. ވެރިކަމުގައި އެވަގުތަކު ހުންނަ ފަރާތެއްގެ ރުހުން އަދައިގެން
ނުމެނޫންމެއެވެ. ރައްޔިތުންނަށް ޓަކައެވެ. މިނިވަން މުސްތަގިއްލު ތަންތަނަށް
ހިނގަންވާނީ ވެރިމީހާގެ ބާރެއް ނޫނެވެ. ޤާނޫނުގެ ބާރެވެ.
ވެރިމީހާ ބަދަލުވުމަކީ މިނިވަން މުސްތަގިއްލު
ތަންތަން އެފުށްމިފުށަށް ޖެހެންޖެހޭ ސަބަބެއް ނޫނެވެ. އައީ ހެޔޮބަދަލެއް ކަމުގައި
ވާނަމަ، އިހުގައި އެ ހެޔޮ ބަދަލު އަޔަނުދީ އޮބިއަޅައިގެން ތިބި ފަރާތްތައް ވާނީ
ހޯދާށެވެ. އައީ ވިޔާނުދާ ބަދަލެއް ނަމަ، އެއް ފަރާތުގެ ނުފޫޒުން މިނިވަންވެ،
އަނެއް ފަރާތެއްގެ ނުފޫޒުގެ ދަށަށް ތަން ގެންދިޔައީ ކޮންބައެއްކަން ވާނީ ބަލާށެވެ.
ވެރިކަމަށް ބަދަލެއް އަޔަސް ނަޔަސް، ދައުލަތުގެ މީޑިޔާ ވާންވާނީ މިނިވަން
މީޑިޔާއަކަށެވެ. 21 ވަނަ ގަރުނުގައި، މިނިވަންވުމަކީ ވަކިމީހަކު ރައީސަކަށް
ހުރުމުން ނުވަތަ ހޮވުމުން ވާންޖެހޭ ގޮތެއް ނޫނެވެ. އެއީ، ތަހުޒީބު ދިވެހިމީހާއަށް
ވާންޖެހޭ ގޮތެކެވެ.