ނަވާޒު ޝަރީފު ފަރާތުން ނަރެންދުރަ މޯދީ އަށް އަނބު ފޮށިގަނޑެއް

Friday, 5 September 2014 | 19:18


އިންޑިއާގެ ކަންމަތީ ފިހާރަތަކުން މިހާރު ރީތި ދޮން އަނބެއް ނުފެންނަތާ މަހެއްހާ ދުވަސް ވެދާނެއެވެ. އަނބު މޫސުން ނިމުނީއެވެ. ނަމަވެސް، ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް، މި ދިޔަ ބުދަ ދުވަހު، މި ވަނީ އަނބު ފޮށިގަނޑެއް ލިބިފައެވެ. އަވަށްޓެރި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ހަދިޔާއެކެވެ.

ހަދިޔާގެ ބާވަތުން، ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ. އެހެނަސް، ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން މިކަމާ ހައިރާނެއް ނުވެއެވެ.

މިދާކަށްދުވަހު، އިންޑިއާގެ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތެއްގެ އިސްވެރިންނާ ޕާކިސްތާނުގެ ހައިކަމިޝަނަރު ބައްދަލުކުރުމުން ދެ ޤައުމުގެ ގުޅުންވަނީ ކުނިޖެހިފައެވެ. އެކަމާ ވިދިގެން މޯދީ ވެސް ނުރުހުން ފާޅުކޮށް، ބައެއް މަޝްވަރާތައްވެސް ވަނީ ހުއްޓާލާފައެވެ. ނަމަވެސް، ޝަރީފު މިފަހަރު ފެންނަނީ ތަންކޮޅެއް މަޑުމައިތިރިކޮށް "އަނބު ޑިޕްލޮމެސީ" ގެ އެހީގައި ގުޅުން ރުޖޫޢަކުރުމަށް މަސައްކަތްކުރާތެނެވެ.

ދެވަނަ ކަމަކަށް ބަލާއިރު، ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ލީޑަރު އިމްރާން ޚާން އިސްވެހުރެ ކުރިޔަށް ގެންދާ މުޒާހަރާތައް ދިގުލައިގެން ދިއުމާއި، އެކަމާ ގުޅިގެން ހިނގާ ދާޚިލީ ހަމަނުޖެހުންތަކުގައި ޝަރީފަށް ދަނީ ދުވަހެއް ދުވަހަކަށް ތަކުލީފު ބޮޑުވަމުންނެވެ. އެހެންކަމުން، ދާޚިލީ ގޮންޖެހުންތަކެއް ހުރި މި ދަނޑިވަޅުގައި، ޚާރިޖީ އެއްވެސް ދަތިއުނދަގުލެއް ކުރިމަތިވިޔަ ނުދިނުމުގެ މަޤުޞަދުގައިވެސް ޝަރީފު އިންޑިއާއަށް ހަދިޔާ ފޮނުވުމަކީ ކޮށްފާނެކަމެއްކަމަށް ބެލެވެއެވެ.

ކޮންމެ ގޮތެއް ވިޔަސް، މޯދީ ބޮޑުވަޒީރުކަމުގެ ހުވާކުރުމާ ގުޅިގެންވެސް ޝަރީފު ވަނީ ހަދިޔާ ބަދަލުކޮށްފައެވެ. އަދި، މި ފަހަރު މޯދީ އަށް ފޮނުވި އަނބު ފޮށިގަނޑުގެ އިތުރުން، ރައީސް ޕުރަނާބު މުކަރުޖީ، ނައިބު ރައީސް ހާމިދު އަންޞާރީ އަދި ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖު އަށް ވެސް ޝަރީފުގެ ފަރާތުން ހަދިޔާގެ ގޮތުގައި އަނބު ފޮށިގަނޑެއް ފޮނުވި ކަމަށް އިންޑިއާގެ ބައެއް ނޫސްތައް ބުނެއެވެ.

ޝަރީފުގެ 'އަނބު ޑިޕްލޮމެސީ' ގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުގެ ދޭދޭ ގުޅުމަށް ހެޔޮބަދަލެއް އަންނަކަން ނުވަތަ ނޫންކަން ބަލަންތިބެމާ ހިނގާށެވެ. ދުނިޔޭގެ ޤައުމުތަކުގެ ވެރިންނަކީ އަބަދުވެސް، ސިޔާސީ މަސްރަހުން ބޭރުގައި، ހަދިޔާ ބަދަލުކުރުން ފަދަ ރީތި މިސާލުތަކެއްވެސް ދައްކާ ބައެކެވެ. ނުތާހިރުކަން ވެރިވަނީ، ސިޔާސީ ކޮންމެ ކަމަކަށެވެ. 
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved