ލީބިޔާއިން ފުރައިގެން ޔޫރަޕަށް އެތެރެވާން ވެގެން 250 ވަރަކަށް މީހުން ދަތުރު ކުރަމުން ދިޔަ ބޯޓެއް، ލީބިޔާގެ ތަޖޫރާގެ އައްސޭރިފަށަށް، ފެތި އެތައް ބަޔަކު މަރުވެއްޖެކަމަށް ލީބިޔާގެ ކަނޑުގެ ސިފައިން ހާމަކޮށްފިއެވެ.
ލީބިޔާގެ ނޭވީގެ ފަރާތުން ވާހަކަދެއްކި އައްޔޫބު ޤައްސާމް އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި މިހާތަނަށް ސަލާމަތްކުރެވިފައިވަނީ އެންމެ 26 މީހުންނެވެ. ގިނައީ އެފުރިކާ ނަސްލުގެ މީހުނެވެ. އަނެއްކޮޅުން، ގިނަ އަދަދެއްގެ މީހުން ކަނޑުމަތީގައި އޮޔާދަނީއެވެ. ކޯސްޓްގާރޑް ގެ ވަޞީލަތުގެ ދަތިކަމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަނީ އިންތިހާއަށް ދަތިވެފައެވެ. އެހެންކަމުން، މަރުވި މީހުންގެ ސީދާ އަދަދު އަދި ވަނީ ސާފުވާގޮތް ވެސް ނުވެފައެވެ.
2011 ވަނަ އަހަރު އައި ލީބިޔާގެ އިތުރިއެރުމުގައި، އެމެރިކާގެ މަދަދާއެކު، ޤައްޒާފީގެ ވެރިކަން ފުރޮޅާލުމަށްފަހު ލީބިޔާއަކީ ދިރިއުޅުމަށް ދަތި ތަނަކަށް ވަނީވެފައެވެ. އެހެންކަމުން، ޤައުމު ދޫކޮށް ޔޫރަޕަށް، ވަކިން ހާއްސަކޮށް އިޓަލީއަށް އެތެރެވެވޭތޯ މަސައްކަތްކުރާ ލީބިޔާ މީހުން އަދި އެފުރިކާގެ އެހެނިހެން ޤައުމުތަކުގެ މީހުންގެ އަދަދު ވަނީ އެތައްތަނަކުން އިތުރުވެފައެވެ.