ޝީ ޖިންޕިންގ އަށް 'އިލެވެން' ޖިންޕިންގ ކިޔުމުން، މަސައްކަތުން އެކަހެރިކޮށްފި

Friday, 19 September 2014 | 22:55


ބުޅި ކެނޑޭނީ ކެޔޮޅުންގެ އަތުންނެވެ. އެހެނަސް، ކެނޑިގެން ނުވާނެ ބައެއް ބުޅި ވެސް ހުންނަނީތާއެވެ. އެކަން އެންމެ ފަހުން ތަޖުރިބާކުރެވިގެން މި ދިޔައީ އިންޑިއާގެ ދޫރުދަރުޝަން ނިއުސްގެ ހަބަރުކިޔުންތެރިއަކަށެވެ. އިންޑިއާގެ ޕަބްލިކް ބްރޮޑްކާސްޓަރ ދޫރުދަރުޝަނުން ބުދަ ދުވަހުގެ ރޭ ގެނެސްދިން ހަބަރު ގަޑީގައި އޭނާ ޗައިނާގެ ރައީސް ޝީ ޖިންޕިންގ (Xi Jinping) ގެ ނަމަކަށް ކިއީ 'އިލެވެން' ޖިންޕިންގ (Eleven Jinping) އެވެ. ނަތީޖާއަކީ އޭގެ ދެ ދުވަސް ފަހުން، ހުކުރު ދުވަހު، އޭނާ ހަބަރުކިޔުމުގެ މަސައްކަތުން ދުރުކުރުމެވެ. ދޫރުދަރުޝަނުން ބުނާގޮތުގައި އޭނާ މިހާރު ވަނީ ކުރު މުއްދަތަކަށް ނަމަވެސް، ހަބަރު ކިޔުމުގެ މަސައްކަތުން އެކަހެރިކުރެވިފައެވެ.

ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރާ ގޮތުގައި ހަބަރުކިޔުންތެރިޔާއަށް އޮޅުން އަރަން ދިމާވީ ޝީ ޖިންޕިންގ ގެ ނަން އިނގިރޭސިން ލިޔާއިރު އެ އޮންނަ Xi އަކީ ރޯމަން ނިއުމެރަލްސް ގައި އެގާރަ (އިލެވެން) ލިޔުމަށް ބޭނުންކުރާ XI އަކުރުކަމުގައި އޭނާއަށް ހީވުމުންނެވެ. އެކަން، ދޫރުދަރުޝަނުން ވެސް ޤަބޫލުކުރެއެވެ. އެހެނަސް، ދުނިޔޭގެ އެންމެ ގަދަފަދަ އެއް ބާރު ކަމުގައިވާ ޗައިނާގެ އެންމެ އިސްވެރިޔާ ޝީ ޖިންޕިންގ ގެ ނަން އޮޅުމަކުން ނަމަވެސް ނުބައިކޮށް ލައިވް ޓީވީ ގައި ކިއިގެން ވާނެކަމަކަށް ދޫރުދަރުޝަނުން ގަބޫލެއް ނުކުރެއެވެ.


ޗައިނާގެ ރައީސް ޝީ ޖިންޕިންގ މިހާރު ދެކުނު އޭސިޔާ އަށް ކުރައްވަމުން ގެންދާ ދަތުރުގައި ދިވެހިރާއްޖެ، ސްރީ ލަންކާ އަދި އިންޑިއާ އަށް ޒިޔާރަތްކުރި އިރު ހުރިހާ ޤައުމަކަށްވެސް އެންމެ އުނދަގޫވި އެއް ކަމަކަށް ވީ ޝީ ޖިންޕިންގ ގެ ނަން ލިޔެކިޔަންޖެހޭ ގޮތަށް ރަނގަޅަށް ލިޔެކިޔުމެވެ. އެގޮތުން ރާއްޖޭގެ ނޫސްތަކުގައިވެސް އެގޮތް މިގޮތަށް ޝީ ޖިންޕިންގ ގެ ނަން ލިޔެފައިވާތީ ފެނުނެވެ. އަދި ބައެއް ފަރާތްތަކުން، އެ ވާހަކަ ސޯޝަލް މީޑިއާގައިވެސް ދައްކާ އުޅުނެވެ. އެހެންނަމަވެސް، ކޮންމެ ދީނަކަށް އުޅުނަސް ނުވަތަ ކިތެންމެ ވަރަކަށް ނުބައިކޮށް ލިޔުނަސް ދިވެހިރާއްޖޭގައި އެއްވެސް އިސްލާހީ ފިޔަވަޅެއް ނާޅާނެކަން ކަށަވަރުވާތީ، ލިޔުންތެރިކަން ހަރުދަނާ ކުރާކަށް ދިވެހި ނޫސްވެރިން ކޮންމެހެން މަސައްކަތެއް ނުކުރެއެވެ.
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved