ލަވައާއި މިއުޒިކު ދިރުވާއާލާކުރުމާ މެދު ކުރެވޭ ބަހުޘް

Monday, 24 September 2018 | 03:06


ދިވެހި ރާއްޖޭގެ ޤައުމީ އާ މަންހަޖުގެ ވާހަކައާ އެކު އަނެއްކާވެސް މިވަނީ މިއުޒިކުގެ ވާހަކަ ފެންމަތިވެފައެވެ. މިއުޒިކުގެ ހަރާމް ހަލާލު ކަމުގެ މައްޗަށް ހިންގާ ބަހުޘްތައް ގިނަވެފައެވެ. އެހެނަސް، މި ބަހުޘްގައި ބައިވެރިވުމުގެ ކުރިން ވިސްނާލަންޖެހޭ  (ދިވެހި މާހައުލުން ފެންނަ) ބައެއް ހަޤީޤަތްތައް އެބަހުއްޓެވެ.

1.      ހަރާމަސް ހަލާލަސް އާންމު ދިވެހިން ދަނީ ދުނިޔެ އުމުރުއްސުރެ މިއުޒިކު ކުޅެމުންނެވެ. އަޑު އަހަމުންނެވެ. ބަލަމުންނެވެ. މިއުޒިކުން އުފާހޯދަމުންނެވެ.  
2.      ހަރާމަސް ހަލާލަސް ދިވެހި ދައުލަތުގެ ޓީވީ އާއި ރޭޑިއޯ އިން އަބަދުވެސް މައިގަނޑުގޮތެއްގައި ގެނެސްދެނީ ލަވައާއި މިއުޒިކެވެ.
3.      ހަރާމަސް ހަލާލަސް ދިވެހިރާއްޖޭގައި އެންމެ ކުލަގަދަ، އަގުހުރި، ތައްޔާރީ ރަނގަޅު އަދި އިންތިޒާރު ބޮޑު މުބާރާތަކީ ސުކޫލް ކުދިންގެ ލަވަ މުބާރާތެވެ. އެ މުބާރާތަށް ހޭދަކުރަނީ ރައްޔިތުންގެ ފައިސާއިން ދިވެހި ސަރުކާރުންނެވެ. އިއުލާނު ކުރަނީ ސަރުކާރުގެ އިދާރާ އަކުންނެވެ. ތައްޔާރީއަށް ޖާމިނުވަނީ ބެލެނިވެރިންނެވެ. ތަމްރީނަށް އެހީވަނީ ސުކޫލްތަކުންނެވެ. ލަވަކިޔަނީ ދަރިވަރުންނެވެ. އާދެ، ދިވެހި ހުރިހާ އެންމެނެވެ.
4.      ހަރާމަސް ހަލާލަސް ދައުލަތުގެ މުއައްސަސާއަކުން ބާއްވާ އެންމެ ފުރިހަމަ އެއް ހަރަކާތަކަށް ވެފައި އޮންނަނީ ދިވެހި ސިފައިންގެ ސިފައުފާ އެވެ. ސިފަ އުފާގެ އަސާސީ ސިފައަކީ، އެ ހަރަކާތް ކުރިޔަށް ގެންދަނީ އިސްލާމްދީނާ ޚިލާފުކަމެއް ނުކުރުމަށް ﷲ ގަންދީ ހުވާކޮށްގެންތިބި ސިފައިންނަށް ވާކަމާއި، ސިފައުފާ އުފާވެރި ކުރުމަށް ބޭނުންކުރާ ހަތިޔާރަކީ ލަވަޔާއި މިއުޒިކަށް ވާކަމެވެ.
5.      ހަރާމަސް ހަލާލަސް ދައުލަތުގެ ވެރިންނަށް މަރުޙަބާ ކިޔުމަށާއި، ސިޔާސީ ހަރަކާތްތަކުގެ ކާމިޔާބީ ފާހަގަކުރުމަށާއި އުފަންދުވަހާއި ކައިވެނި ޕާރޓީތަކުގެވެސް އަސާސީ ހަރަކާތަކީ ލަވަޔާއި މިއުޒިކެވެ.
6.      ހަރާމަސް ހަލާލަސް މީގެ ކުރީގެ މަންހަޖުތަކުގައިވެސް މިއުޒިކު ދިރުވާއާލާކުރުން ހިމަނާފައިއޮތެވެ. އެނގިގެންތިބެނަމަވެސް ނުވަތަ ނޭނގިތިބެނަމަވެސް އެކަންކޮށްފައިވަނީ އެހެނެވެ.

ކަން މިހެން އޮތުމާއެކު، މިއުޒިކަކީ ބައެއް މުސްލިމުންނަށް ހަރާމް އެއްޗަކަށް ވެފައި އަނެއްބައި މުސްލިމުންނަށް ހަލާލު އެއްޗަކަށް ވަނީބާއޭ ސުވާލު އުފެދެއެވެ. ހަމަ އެހެންމެ، މިއުޒިކަކީ ދިވެހިންނަށް ހަމައެކަނި އަނގަބަހުން ހަރާމް އެއްޗަކަށްވެފައި، އަމަލުން ހަލާލު އެއްޗެއްތޯވެސް ސުވާލު އުފެދެއެވެ.

އެހެންކަމުން، މިއުޒިކުގެ ހަރާމް ހަލާލު ކަމުގެ މައްޗަށް ބައެއް ފަރާތްތަކުގެ ވާހަކަތައް ހުރީ ކިހިނެތްކަން ބަލާލަން އެބަޖެހެއެވެ.ހަމަ އެހެންމެ، މިއުޒިކު ހަރާމް އެއްޗަކަށް ވާނަމަ، އެ ހަރާމް މިވަނީ ކީއްވެގެން ކޮން ބޭނުމެއްގައިކަން ބަލާލުމަކީވެސް ނެތްކަމެއް ނޫނެވެ.އަނެއްކޮޅުން ބަލާއިރު، މިއުޒިކުގެ ބޭނުންތެރިކަމާމެދު ބައެއް މީހުން ބުނަނީ ކީކޭކަން ބަލާލަން އެބަޖެހެއެވެ.


ތެދެކެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް، އެބައިމީހުންގެ މަންހަޖުގައި މިއުޒިކު މިވަނީ ހިމެނިފައެވެ. އެވަސީލަތުގެ އެހީގައި ހެދިބޮޑުވާ ދަރިވަރު މުޖުތަމައުއަށް ނިކުމެ ހޭލަމޭއްޔަށް އުޅެމުން އެބަދެއެވެ. މުސްލިމް އަދި ޣައިރުމުސްލިމް ޤައުމުތަކުގައިވެސް މެއެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މެއެވެ. ސަބަބަކީ ފަހުގެ ހުރިހާ ދިރާސާއަކުންވެސް ދައްކާގޮތުގައި މިއުޒިކަކީ ދަރިވަރުގެ ހެދިބޮޑުވުމަށާއި ސިކުނޑީގެ ތަރައްޤީއަށް ނުހަނު ބޮޑަށް އެހީވެދޭ ވަސީލަތަކަށްވާތީ ކަމަށް ބުނެވެއެވެ. ވަކިން ޚާއްސަކޮށް، މިއުޒިކަށް ރަނގަޅު ކުދިންނަކީ ހިސާބު އިލްމަށާއި ހަމަބުއްދިއަށް މޮޅު ބައެއްކަމުގައި ބުނެވެއެވެ.


އެހެނަސް، ކަލާނގެ ސަފުން ގިނަމީހުން ދުރަށްޖެހެމުންދާ ވަރަކަށް، ދުނިޔެ މި ދަނީ ދުވަހުން ދުވަހަށް ހަލާކުވެ ސުންނާފަތިވަމުންނެވެ. މިއަދުގެ މައްސަލަތަކަށް ހައްލެއް ހޯދުމުގައި އިންސާނީ ސިކުނޑި މިވަނީ ނުކުޅެދިފައެވެ. އެހެންކަމުން، އިންސާނާގެ ސިކުނޑިޔަށް މިއުޒިކުން ގެނެސްދެނީ ތަރައްޤީއާއި ތާހިރުކަންތޯ ނުވަތަ ނުތާހިރުކަމާއި ތަޣައްޔަރުކަންތޯ ވިސްނާލުމަކީ ކޮށްލަން ހަމަ ރަނގަޅުކަމެކެވެ. ސިކުނޑީގެ ކާނާއަކީ، މިއުޒިކުތޯ ނުވަތަ ކަލާނގެ ބަސްފުޅުތޯ ވިސްނާލުމަކީވެސް ނެތްކަމެއް ނޫނެވެ.
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved