އިންޓަރޕޯލް ގެ ސަފީރަކަށް ޝާހުރުކުޚާން

Thursday, 28 August 2014 | 16:00


ކުށްކުރުން މަދުކުރުމުގައި ހުރިހާއެންމެންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ބައިނަލްއަޤުވާމީ ފުލުހުންގެ އިދާރާ (އިންޓަރޕޯލް) ގެ ފަރާތުން، މިހާރު ކުރިޔަށްގެންދާ "ޓާރން ބެކް ކްރައިމް" ކެމްޕެއިން ގެ ސަފީރަކަށް އިންޑިއާގެ ސުޕަރސްޓަރ ޝާހުރުކުޚާން ހަމަޖައްސައިފިއެވެ. އެކަން  ކަށަވަރުކޮށްދީ އިންޑިއާގެ ނޫސްތަކަށް ޝާހު ދިން އިންޓަރވިއުތަކުގައި އޭނާ ވަނީ، "ޓާރން ބެކް ކްރައިމް" ކެމްޕެއިންގެ ސަފީރަކަށް އޭނާ ހަމަޖެއްސުމުން ނުހަނު ފަޚުރުވެރިވާ ކަމަށާއި އަދި އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްކުރާ މަދު މީހުންގެ ކިބައިން މުޖުތަމަޢު ސަލާމަތްކުރެވޭނެކަމަށް ބުނެފައެވެ.

ފްރާންސްގެ ލިޔޯންގައި މައި އިދާރާ ހުންނަ އިންޓަރޕޯލް ގެ ފަރާތުން އެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ރޮނަލްޑް ނޯބެލް ބުނެފައިވާ ގޮތުގައި ޝާހު އަކީ އިންޑިއާގެ އިތުރަށް މުޅި ދުނިޔޭގެ ފިލްމީދާއިރާގައިވެސް އަލިގަދަ ފަންނާނަކަށް ވާތީ، މި ހަރަކާތުގައި ޝާހު ބައިވެރިވުމުގެ ސަބަބުން، ޑްރަގްގެ ވަގު ވިޔަފާރިއާއި މީހުން ވަގަށްނެގުމާއި ސައިބަރކްރައިމް ފަދަ އޮގަނައިޒްޑް ކްރައިމްތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމުގައި އެދެވޭ ނަތީޖާއެއް ނެރެވޭނެކަން ޔަޤީންކުރެވެއެވެ.  

ޝާހު އަކީ އިންޑިއާގެ ފިލްމީތަރިންގެ ތެރެއިން "ޓާރން ބެކް ކްރައިމް" ގެ ސަފީރަކަށް އައްޔަނުކުރި ފުރަތަމަ ފަންނާނެވެ. އެހެންކަމަށްވުމާއެކު، ޝާހު އަކީ، މިހާރުވެސް މި ހަރަކާތުގައި ބައިވެރިވެ މަސައްކަތްކުރަމުން ދާ މަޝްހޫރު ފިލްމީތަރި ޖެކީ ޗަން އާއި ފުޓްބޯޅައިގެ އަލިގަދަ ތަރި މެސީ ފަދަ ހުނަރުވެރިންގެ ތެރެއަށް އިތުރުވެގެންދިޔަ ބޮޅެކެވެ.

މި ހުރިހާ ހުނަރުވެރިންނަކީވެސް ދިވެހިންނަށް ފަރިތަ މޫނުތަކެކެވެ. ދެން އޮތީ، އެފަރާތްތަކުގެ ގޮވާލުމާއި އެއްގޮތަށް، ދިވެހިންވެސް އޮގަނައިޒްޑް ކްރައިމްތަކުން ނަޖާވެތިބުމެވެ. އަދި އެފަދަ ކުށްތަކަށް ޖާގަނުދިނުމެވެ. އަމާންކަމާއެކު ހަމަ ނޭވާއެއް ލެވެން އޮތީ، ބޮޑެތި ޖަރީމާތަކުން ދިވެހި މުޖުތަމަޢު ސަލާމަތްކުރެވިގެންކަން ޔަޤީނެވެ. 
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved