ދިވެހިންގެ އެކުވެރިކަމުގެ ނިޝާނަކަށް އަދި ހަތިޔާރަކަށް ބޮޑުބެރު

Monday, 24 September 2018 | 00:46


ދިވެހިމީހާގެ ސިކުނޑިވަނީ ތަޣައްޔަރުވެފައެވެ. އޭނާގެ ބުއްދީގައިވަނީ ހަމައެކަނި ނަޝީދެވެ. ނުވަތަ މައުމޫނެވެ. އެނޫން އެހެންކަމެއް ނެތެވެ. އެ އަދި އެއްކޮޅަށް ނުވަތަ ދެކޮޅަށް ކަމުގައި ވިޔަސްވެހެވެ. މި އަލިފާނަށް ދަރުއެޅުމުގައި ދިވެހި ދައުލަތުގެ އިދާރީ އަދި ދިފާއީ ބާރުތަކާއި ދިވެހި މީޑިއާވެސް ވަނީ ކާމިޔާބުހޯދާފައެވެ. ނަތީޖާއަކީ، މީހާގެ ދިވެހިވަންތަކަމުގެ ކުރިޔަށް ސިޔާސީ ހަރަކާތްތެރިކަމާއި ޕާރޓީވަންތަކަން ވަނުމެވެ. މުޖުތަމަޢު ފިތުނަފަސާދަވުމެވެ. އިޖުތިމާއީ ފޭރާން ވީދި ހަފުސްވުމެވެ.

ކަން މިހެން އޮތުމާއެކު، ކަސިޔާރުވެފައިވާ ދިވެހި މިސްރާބު މިވަނީ ހަމަ މަގަށް އަޅުވަންޖެހިފައެވެ. ތަފާތު އެކިއެކި ހުނަރުތަކާއި އުކުޅުތަކުގެ ތެރެއިންނެވެ. އެނގިތިބެ ރާވާހިންގޭ ހަރަކާތްތަކުގެ ތެރެއިންނެވެ. އެކަމަކު، ކިހިނެއްހެއްޔެވެ؟

އަޅުގަނޑަށް ފެންނަފެނުމުގައި، އެމަގުން އެކަން ހިންގޭނީ އެންމެނަށް އާންމު އަދި ސާމިލު ބަހާތަކަކީ ކޮބައިކަން ދެނެގަނެ، އެ ކަންކަން ދިރުވާ އާލާކޮށްގެންނެވެ. ތައުލީމީ މަންހަޖުގެ ބޭރުން ކަމެއްކުރާނަމަ އިތުރަށްހުރި ބަހާތަކަކީ، ދިވެހިންގެ ބަސް، ދިވެހިންގެ ދީން އަދި ދިވެހިންގެ ކުޅިވަރާއި ޘަޤާފަތެވެ.

އެގޮތުން ބަލާއިރު، ބޮޑުބެރަކީ ހުރިހާ ދިވެހިންގެ މެދުގައި މަޤުބޫލު ހަރަކާތެކެވެ. މި ހަރަކާތުގެ މުހިންމު އެއް ސިފައަކީ، ދިވެހިމީހާގެ ހިތުގެ ފުންމިނަށް އަސަރުފޯރުވުމުގެ ކުޅަދާނަކަން ބޮޑުބެރުގެ ފުނައަށް ލިބިފައިވާކަމެވެ. އިޚުތިޔާރާއި ބޭއިޚުތިޔާރުގައި ނަމަވެސް ބޮޑުބެރުގެ އަޑުކެނޑެންދެން، ސިކުނޑިތެރެއިން އެހެން ކަންކަން ފިލާ ދާކަމެވެ. މާއްދީ އަދި ސިޔާސީ ތަޣައްޔަރުކަމުގެ ކަސްތޮޅުން ނެއްޓޭކަމެވެ.


އެހެންކަމުން، ސަރުކާރުގެ އިދާރާތަކުންނާއި ސިޔާސީ ފަރާތްތަކުން އަދި މަދަނީ ޖަމިއްޔާ ޔަމާޢަތްތަކާއި އެހެނިހެން ހަރަކާތްތަކުގެ ފަރާތުން މުޖުތަމަޢުގެ ހެވާއި ލާބަޔަށް ކަމުގައިބުނެ ފިތުނަފަސާދައާއި ބައިބައިވުމަށް މަގުފަހިވާ ބާވަތުގެ ޒާތީ މަންފާ ހިމެނޭ ހަރަކާތްތައް ކުރިޔަށްގެންދިއުމަށް ކެނޑިނޭޅި މަސައްކަތްކުރުމުގެ ބަދަލުގައި، ދިވެހި އާދަކާދައާއި ޘަޤާފަތުގެ ތެރެއިން ބޮޑުބެރު ދިރުވާ އާލާކުރުން ފަދަ، އާންމު ސާމިލު ހަރަކާތްތައް ކުރިޔަށްގެންދިއުމަށް އިންތިހާއަށް އިސްކަންދޭން މިވަނީ ޖެހިފައެވެ.  

ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved