އެއް ޕާޓީ އިން ވެރިކަން ހިންގުމުގެ ނިޒާމު

Sunday, 23 September 2018 | 21:02

ވިހި ވަނަ ޤަރުނު ފެށުނުތަނާހެން ހިނގާދިޔަ ރަޝިޔަން ރިވޮލިއުޝަންގެ ނަތީޖާތަކުގެ ތެރެއިން އެއްކަމަކީ އެއް ޕާޓީ އިން ވެރިކަން ހިންގުން ފެންމަތިވެގެން އައުމެވެ. އެޔަށްފަހު، ކޮމިއުނިސްޓް ޗައިނާ ފަދަ ޤައުމުތަކުގައި އަދިވެސް ވެރިކަން ހިންގަނީ އެންމެ ޕާޓީ އަކުންނެވެ. މުތަޤައްދިމް ޕާޓީ އިން 1953 ގައި ޖުމްހޫރީ ދިވެހި ރާއްޖޭގައި ވެރިކަން ކުރި ފަދައިންނެވެ. މި ފަދަ ވެރިކަމެއްގައި އެއް ޕާޓީ އަށްވުރެ އިތުރަށް ޕާޓީ އުފައްދާކަށް އެ ޤައުމުގެ ކަސްތޮޅުއެޅިފައިވާ ޤާނޫނު އަސާސީ ތަނެއް ނުދެއެވެ. ތަފާތު އެކިއެކި ސަބަބުތަކަށް ޓަކައެވެ.

ގިނަ ޕާޓީތަކެއް އުފެއްދުމަށް ޖާގަ ނުދީ، އެއް ޕާޓީ އިން ވެރިކަން ހިންގުމަށް ވަކާލާތު ކުރައްވާ ފަރާތްތަކުން ދެކޭގޮތުގައި؛

1. އެ ނިޒާމުގެ ސަބަބުން ހަލުއިކަމާއި ހީވާގިކަމާއެކުގައި ސަރުކާރު ހިންގަން ފުރުސަތު ލިބެއެވެ. ސަބަބެއްކަމުގައި ބުނެއުޅެނީ މަޝްވަރާކުރުމާއި ޚިޔާލުތަފާތުވުން ކުޑަކުރަން އުޅުމަށް ވަގުތު "ބޭކާރު" ނުވާނެތީއެވެ.

2. އެ ނިޒާމުގައި މުޅި ޤައުމުގައިވެސް އެއް އުސޫލުތަކަކަށާއި އެއް ހަމަ ތަކަކަށާއި އެއް ސިޔާސަތުތަކަކަށް މެނުވީ ރައްޔިތުންގެ ނަޒަރު ނުހިންގޭނެތީ، ރައްޔިތުން ތަރުބިއްޔަތުވެފައި ތިބޭނީ ވެރިކަމުގެ ފަރާތުން ދެއްކި މަގަކުން ހިނގާށެވެ. އިތުރު، ނުތަނަވަސްކަމެއް މެދުވެރިއެއް ނުވާނެއެވެ.

3. ސިޔާސީ ވާދަވެރިކަމާއި އަރާރުން އަދި ސިޔާސީ ހަމަނުޖެހުން ނެތުމުގެ ސަބަބުން އެތައް ކަމެއްގައި ފަސޭހަތައް ލިބިގެން ދެއެވެ.

4. އެންމެން ސާމިލުވާގޮތަށް، މުޅި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކާ ގިނަގުނަ ކަންތައްތަކެއް ކުރުމުގެ ފުރުސަތު ލިބެއެވެ.

ނަމަވެސް، މި ނިޒާމަކީ މަޝްވަރާކުރުމާއި ރައްޔިތުންގެ ބޭނުންތަކަށް އިހުތިރާމްކުރުން ކުޑަ ނިޒާމަކަށް ވާތީ، މިހާރަކަށް އައިސް އެއް ޕާޓީއިން މުޅި ޤައުމުގެ ވެރިކަން ހިންގުމަށް ރުހޭ މީހުންދަނީ މަދުވަމުންނެވެ. ކަމުނުދާ ގިނަގުނަ ކަންތައްތަކެއް އެ ނިޒާމުގައި ހުރީތީއެވެ.

1. މި ނިޒާމުގައި ޕާޓީ އަކީ ސަރުކާރެވެ. ސަރުކާރަކީ ޕާޓީއެވެ. ޕާޓީ ނޫން މީހަކު އުޅެމެއްނެތެވެ.

2. މި ނިޒާމުގައި ޤާނޫނު ހެދުމުގެ ބާރުގެ މައްޗަށް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނާތީ ރައްޔިތުންނަށް ތެދުވެރި އިޚުލާސްތެރި ވެރިކަމެއް ހިންގުމުގެ ފުރުސަތު ހަންޏެވެ.

3. އެއް ޕާޓީ ފިޔަވާ އެހެން ޕާޓީ އަކަށް ޖާގަނެތުމުން ވެރިކަމުގެ ފަރާތުން ހިތުހުރިގޮތަކަށް ރައްޔިތުންނާމެދު އަމަލުކުރެއެވެ. އެހެނަސް، އެކަމަށް ފާރަވެރިވެވޭނެ ގޮތެއް ނޯވެއެވެ. ނަތީޖާއެއްގެ ގޮތުން، ވެރިންގެ މުށުތެރެއަށް ހުރިހާ ބާރުތަކެއް ޖަމާކުރެއެވެ. ހަރުކަށިކަމާއި ގަދަބާރުދެއްކުން އިތުރުވެއެވެ. ހުދުމުހުތާރުކަން އިންތިހާއަށް ދެއެވެ.

4. މި ނިޒާމުގައި ރައްޔިތުންގެ ބަސް އަޑުނޭހިތަނުގައި، ރައްޔިތުންނަށް ހަމަނޭވާލާނެ ފުރުސަތެއްވެސް ނުދެއެވެ. ރައްޔިތުން ތިބެނީ ފިއްތާލާފައެވެ. ބިރުގަންނަވާލާފައެވެ. ގިއްގަޅުވާލާފައެވެ.

5. މި ނިޒާމުގައި ވެރިންނަށް އޮންނަ ކަށަވަރުކަމުގެ ސަބަބުން، އަނެކުންނަށް އަޅާލުމެއް ކަހާލުމެއް ނޯވެއެވެ. އަނެކުންނަކީ އިންސާނުން ކަމުގައި ދެކުމެއް ނޯވެއެވެ. ރައްޔިތުމީހާ އިންސާނީ ކަރާމާތުން މަހުރޫމްވެއެވެ.

6. މި ނިޒާމުގައި ރައްޔިތުމީހާގެ އިންސާނީ ހައްޤުތަކާއި މިނިވަންކަމާއި ބަހާއި އަމަލުގެ ފުޅާމިނަކީ ވެރިމީހާގެ ހިތެކެވެ. ނަމަވެސް، އެއިން ކަމަކާ އިންކާރުކުރެވެން ނުވަތަ ދެކޮޅުހެދޭކަށް ނޯވެއެވެ. އެހެންކަމުން، ރައްޔިތުންގެ ހައްޤަކީ ނެއް އެއްޗެކެވެ.

ކަން މިހެން އޮތުމާއެކު، ދުނިޔޭގެ މަދު ޤައުމެއްގައި ނޫނީ މިއަދު ފެންނަންއޮތީ އެއް ޕާޓީ އަށްވުރެ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމުތަކެވެ. ދިވެހި ރާއްޖެވެސް ހިމެނޭގޮތުންނެވެ. 
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved