ސިޔާސީ ޕާޓީ އުފެއްދުމާއި ދެމެހެއްޓުމުގެ ބޭނުން

Monday, 24 September 2018 | 00:57

ވެރިކަމުގެ ނިޒާމުގައި ރައްޔިތުންގެ ބަސް އިއްވުމުގެ ދަރަޖަ މަތިކުރުމަށްޓަކާ ދިވެހި ރައްޔިތުން ކުރަމުން ދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއެކު، ޚިޔާލުފާޅުކުރުމަކީ މިނިވަންކަމަކަށް ވެގެން ދިޔައެވެ. ޤާނޫނީ ކުށެއްނޫންކަން ކަށަވަރުވިއެވެ. ރައްޔިތުމީހާގެ ހައްޤަޤަކަށް ވެގެން ދިޔައެވެ. މިކަމަށް އިތުރު ފުރިހަމަކަމެއް ލިބިގެން ގޮސްފައިވަނީ، ސިޔާސީ ޕާޓީތައް އުފެދި، ހަރަކާތްތެރިވާން ފަށާފައިވުމުގެ ސަބަބުންނެވެ.

ނަމަވެސް، ވެރިކަމުގެ މައްޗަށް އިތުބާރުކުޑަވާ ބައެއް ފަހަރު ފަހަރުގައި ކޮންމެވެސް މިންވަރަކަށް ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ނަމަވެސް ވަނީ ޕާޓީ ނިޒާމު އޮތުން ރަނގަޅުނޫން ކަމުގައި ބުނެ އަޑުއުފުލާފައެވެ. އެހެންކަމުން، ސިޔާސީ ޕާޓީ އުފައްދާ ދެމެހެއްޓުމުގެ ބޭނުންތެރިކަމަކީ ކޮބައިތޯ ބަލާލަން އެބަޖެހެއެވެ.

1. ދިވެހި ރާއްޖެއަކީ ރިޕްރެޒެންޓެޓިވް ޑިމޮކްރެސީ އެކެވެ. މި ރާއްޖޭގައި ވަނީ ރައްޔިތުން ތަމްސީލުކުރާ ސަރުކާރެކެވެ. ރައްޔިތުން ތަމްސީލުކުރާ މަޖިލީހެކެވެ. ރައްޔިތުން ތަމްސީލުކުރާ ކައުންސިލްތަކެވެ. އެކަން ކަމަކީ ޤާނޫނު އަސާސީ އިން އެކަން ކަނޑައަޅާފައިވާ ގޮތަށް ވާ ހިނދު، ރައްޔިތުން ތަމްސީލު ކުރުމުގެ ސިފަ އަށް އުނި އިތުރު ގެނައުމެއް ނެތެވެ. ތަމްސީލު ވާނީ ކުރާށެވެ. ފަސޭހަކަމާއި ހަލުއިކަމާއި ހަރަކާތްތެރިކަމާ އެކު ރައްޔިތުން ތަމްސީލުކުރުމަށްޓަކާ ސިޔާސީ ޕާޓީތަކުން މުހިންމު ދައުރެއް އަދާކުރާ މަންޒަރު އެބަފެނެއެވެ. އެހެންކަމުން، ރިޕްރެޒެންޓެޓިވް ޑިމޮކްރެސީއަކަށް ސިޔާސީ ޕާޓީތައް ބޭނުންވެއެވެ.

2. ސަރުކާރާއި ރައްޔިތުންނާއި ދެމެދު ހުންނަ ހުރަސްތައް ގިރާކޮށްދެނީ ސިޔާސީ ޕާޓީތަކުން ކަމުގައިވާތީ ސިޔާސީ ޕާޓީތައް މުހިންމުވެއެވެ.

3. ސިޔާސީ ހަރަކާތުގެ ސަބަބުން ޤައުމަށާއި ވަކިވަކި ރައްޔިތުންނަށް ކުރާނޭ އެދެވޭ އަދި ނޭދެވޭ އަސަރުތައް އޮޅުންފިލުވައިދިނުމުގެ ދައުރު އެންމެބޮޑަށް އަދާކުރާތީ މިހަރުވެސް ފެންނަނީ ސިޔާސީ ޕާޓީތަކެވެ.

4. ސިޔާސީ ޕާޓީތަކަކީ، އޭގެ ޒާތުން، ކަނޑައެޅިފައިވާ ވަކި ފިކުރަކާއި ހަމައާއިލަމައެއް ޤަބޫލުކޮށް އެކަން ފެތުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާތީ، ރައްޔިތުންނާއި ހަމައަށް އެ ރައްޔިތުން އަގުކުރާ ސިފަތަކެއް ތިލަވެގެން އާދެއެވެ.

5. އާންމު އިޖުތިމާއީ އަދި އިޤުތިޞާދީ ހަރަކާތްތަކަށާއި އިންތިހާބީ ދާއިރާތަކަށާއި ސިޔާސީ މަޤާމުތަކަށް މީހުން ތައްޔާރުކުރުމާއި ކަނޑައަޅައިދިނުމާއި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ އިތުރުން ސިޔާސީ އިލްމާއި ހިލްމު ފަތުރާދިނުމަކީވެސް ސިޔާސީ ޕާޓީތަކުން ކުރަމުން އަންނަ މަސައްކަތްތަކެވެ.

6. ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށާއި ރައްޔިތުންގެ މަޖިލީހަށް ބޭނުންވާ ސިޔާސީ ލީޑަރުން އުފައްދާދިނުމުގައި ސިޔާސީ ހަރަކާތްތެރިންނަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު ދިނުމުގައިވެސް ސިޔާސީ ޕާޓީތަކުން މުހިންމު ދައުރެއް އަދާކުރެއެވެ.

7. މުޖުތަމަޢުއަށް ދިމާވެފައިވާ ދަތިއުނދަގޫތަކާއި، ތަފާތު އިޖުތިމާއީ ބަލިތަކުން ރައްޔިތުން ސަލާމަތްކުރުމަށާއި ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާކަން ފާހަގަކޮށްލެވެއެވެ.

8. ރައްޔިތުން ކަންބޮޑުވާ ކަންކަމަށް ހައްލުހޯދުމަށާއި ރައްޔިތުންގެ އުދާސްތައް ފިލުވައިދިނުމަށް ހިންގަންޖެހޭ ސިޔާސީ ހަރަކާތްތައް ހަލުއިކަމާއެކުގައި ރާވާލާ، އެތަން މިތަނުގައި އެ ހަރަކާތްތައް ހިންގޭނެ އިންތިޒާމު ހަމަޖައްސާ، ހަރަކާތްތެރިން މޮބިލައިޒްކުރުމުގައި ސިޔާސީ ޕާޓީތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

9. ބައެއްކަހަލަ ބޮޑެތި ކަންކަމަށް އިޖުތިމާޢީ އެހީ ފޯރުކޮށްދިނުމުގައިވެސް ސިޔާސީ ޕާޓީތަކުން އިސްނަގައެވެ. އަދި އެކަމުގެ ރީތި މިސާލުތައް މި ރާއްޖެއިންވެސް ފެނިގެން ގޮސްފައިވެއެވެ.

ކަން މިހެން އޮތުމާއެކު، އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހި ރާއްޖޭގައި މިއަދު ޤާއިމުކުރެވިފައިވާ ވެރިކަމުގެ ނިޒާމު ކުރިޔަށް ގެންދިއުމަށްޓަކައި، ސިޔާސީ ޕާޓީތައް ކޮންމެހެންވެސް ހަރަކާތްތެރިވާން ޖެހެއެވެ. 
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved