ދެ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމް

Sunday, 23 September 2018 | 14:00

ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވެރިކަން ހިނގާ ޤައުމުތަކުގައި އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ހަރަކާތްތެރިވާތީ ފެނެއެވެ. އެހެނަސް، އެ ފަދަ ޤައުމުތަކުގައިވެސް އަމަލީ ގޮތުން ސިޔާސީ ހަރަކާތްތަކުގައި ނަގާކިޔާތީ އަދި ހަރަކާތްތެރިވާތީ ފެންނަނީ ބޮޑު ދެ ޕާޓީ އެކެވެ. ކުދިކުދި ޕާޓީ ތަކަކީ މާކަ ބޮޑު ހަރަކާތްތެރިކަމެއް ނެތި ނިދާފައިތިބޭ ޕާޓީތަކަކަށް ވާތީ މައިގަނޑު ގޮތެއްގައި މި ޤައުމުތަކުގެ ސިޔާސީ މަސްރަހު ބަލަހައްޓަނީ ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީއެވެ. ރާއްޖޭގައި ނަމަ ޕީ.ޕީ.އެމް އާއި އެމް.ޑީ.ޕީ އެވެ. އިންޑިއާގެ ބީ.ޖޭ.ޕީ އާއި ކޮންގްރެސް ޕާޓީއެވެ. އިނގިރޭސި ވިލާތުގެ ލޭބަރ ޕާޓީ އާއި ކޮންޒަރވޭޓިވް ޕާޓީއެވެ. އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީއެވެ.

ޤާނޫނީ ވަކި ހުރަސްތަކެއް ނެތި، ރައްޔިތުންގެ ފިކުރުތައް ކަފިވެފައިވާ ގޮތުގެ ތެރެއިން، މިކަން މި މޭރުމުން އޮލަނބުވެގެން އަންނާނީ ތަފާތު ސަބަބުތަކަކަށްޓަކާ ކަން ޔަޤީނެވެ. ދެ ޕާޓީ ސާމިލުވާ ވެރިކަމުގެ ނިޒާމުގެ ފައިދާތަކުގެ ސަބަބުންކަން ޔަޤީނެވެ.

ދެ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމުގެ ބައެއް ފައިދާ

1. ދެ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމުގެ ސަބަބުން، އިނގިރޭސި ވިލާތާއި އިންޑިއާ ފަދަ ބަރުލަމާނީ ޤައުމުތަކުގައި ސަރުކާރު ހަރުލާ އޮތުމަށް ބާރު އެޅެއެވެ. އެއްވަރުގެ ގިނަ ޕާޓީތަކެއް ހަރަކާތްތެރިވުމުން، އެއްވެސް ބަޔަކަށް މެޖޯރިޓީ ނުލިބުމުގެ މައްސަލަ ދިމާވިޔެއްކަމަކު، ދެ ޕާޓީ އޮތުމުން ކޮންމެވެސް އެއްބަޔަކަށް މެޖޯރިޓީ ލިބެއެވެ. އަނެއްބަޔަކު، ވެރިކަން ޒިންމާދާރުކުރުވުމަށް ނުކުމެއެވެ.

2. ހަޤީޤީ ރިޕްރެޒެންޓެޓިވް ޑިމޮކްރެސީއަކަށް އަމަލީގޮތުން އެންމެ ހެޔޮވަރުކޮށް މި ފެންނަނީ ދެ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމުގައެވެ. ވެރިކަމުގައި ތިއްބަސް، އިދިކޮޅުގައި ތިއްބަސް ރައްޔިތުންގެ ބަސް ހެޔޮވަރު ވަރަކަށް އިއްވެއެވެ.

3. ދެ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމުގައި، ޕާޓީ ތަކަކީ ވަރަށް އިންތިޒާމުކުރެވިގެން ވަކިގޮތަކަށް ތަރުތީބުކުރެވިގެން ހިނގާ މުއައްސަސާތަކަކަށް ވާތީ، ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިފެހެއްޓޭނެ ބީދައިން ރައްޔިތުންގެ ވިސްނުމާއި ޚިޔާލު ބައްޓަންކުރުމަށް ފަސޭހަތަކެއް ހުރެއެވެ.

4. ގިނަގުނަ ޕާޓީތަކެއްގެ ބަދަލުގައި ދެ ޕާޓީ އޮތުމުން، އެ މީހަކު ނިސްބަތްވާ ޕާޓީ އާއި ވާދަވެރި ޕާޓީގެ ސިޔާސަތުތައްވެސް ފަސޭހަކަމާއެކު ބަލާލާ، ކިޔާލާ، އޮޅުންފިލުވާލާ ހަދާލަން ފަސޭހައެވެ. އަދި އެކަމުގައި ދެ ޕާޓީންވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

5. ދެ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމުގައި އަނެކުންނަށް ބަރޯސާނުވެ ވެރިކަން ހިންގާ ޕާޓީ ދާންވީ މަގު ސާފުކޮށް ފެންނަން އޮންނަ ފަދައިން އިދިކޮޅު ޕާޓީ ކަންކުރަންވީގޮތާއި ކުރަންވީ ކަންކަން ވަރަށް ސާފެވެ. ގިނަ ޕާޓީ ތަކެއް ތިބެގެން އެގޮތް މިގޮތަށް ވާހަކަ ދެއްކުމުގެ ބަދަލުގައި، އިދި ކޮޅު މައިގަނޑު ޕާޓީއެއް އޮތުމުން، އެ ޕާޓީ އިން ކޮންމެހެން ހަދާފަވެސް ސަރުކާރުގެ ކަންކަމަށް ފަރަވެރިވެ ޒިންމާދާރުކުރުވައެވެ. އަދި، ވައުދު ފުއްދާ މިންވަރާއި ވައުދުފުއްދާގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދެއެވެ. ވެރިކަން ކުރާ ޕާޓީގެ ދޯހަޅި ސިޔާސަތުތައް ރައްޔިތުންނަށް ވިސްނައިދެއެވެ.

މި ރާއްޖެ އަށް ބަލާއިރުވެސް، ފެންނަން މިއޮތީ ދެ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެކެވެ. ކަންހިނގަމުން ދާގޮތުގެ މައްޗަށް ފުންކޮށް ވިސްނައިފުމުން، މި ނިޒާމުގައި ހުރި ބަލިކަށި އެތައްކަމެއްވެސް ތިލަވެދާނެތެވެ.

ދެ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމުގެ ބައެއް އުނިކަންކަން

1. ދެ ޕާޓީ ހިމެނޭ ބަރުލަމާނީ ނިޒާމުތަކަށް ބަލާއިރު ފެންނަ ހަޤީޤަތަކީ، ޤާނޫނު ހެދުމުގެ ބާރަށްވުރެ ވެރިކަން ހިންގާ ޕާޓީގެ ކެބިނެޓްގެ ބާރު ގަދަވަމުންދާ މަންޒަރެވެ. އިނގިރޭސި ވިލާތަށް ބަލާލާއިރު، އަބަދުވެސް ފެންނަންއޮތީ ކެބިނެޓް ޑިކްޓޭޓަރޝިޕެވެ.

2. ހަމަޔަށް ދެބައިވެފައިވާ ޤައުމެއްގައި މެނުވީ، ވެރިކަންކުރާ ޕާޓީ ޒިންމާދާރުކުރުވުން އޮތީ ދަތިކަމެއްގެ ގޮތުގައެވެ. އޭގެ ބަދަލުގައި ފެނިގެންދަނީ ވެރިކަމުގައި އޮންނަ ޕާޓީ އިން ދައުލަތުގެ ހަރުމުދާތައް ބަހާލާ، އިދިކޮޅު ޕާޓީގެ އިސް ފަރާތްތައް ހިފާ ހައްޔަރުކޮށް، އިދިކޮޅު ޕާޓީގެ ދައުރު އަދާކުރުމަށް ހުރަސް އަޅާ މަންޒަރެވެ. އެކިއެކި ޤާނޫނުތަކުގެ ތެރެއިންނެވެ. ފުލުހުންނާއި ސިފައިން މެދުވެރިކޮށެވެ. ކޯރޓްތައް މެދުވެރިކޮށެވެ. ނަތީޖާއަކީ، ވެރިކަން ކުރާ ޕާޓީގެ ހުދުމުހުތާރުކަމުގެ ޝިކާރައަކަށް ރައްޔިތުންވުމެވެ.

3. މައިގަނޑު ދެ ޕާޓީގައި ނޫނަސް އުޅެނީ ރައްޔިތުންނެވެ. އެހެނަސް، ކުދި ކުދި ޕާޓީތައް ތަމްސީލުކުރުމުގެ ފުރުސަތު ހަނިވެފައިވާތީ، ދެ ޕާޓީ ގެ ނިޒާމުގައި މައިނޯރިޓީ އާބާދީ ތަކުގެ އަޑު އޮންނަނީ ނޭހިފައެވެ. ދިވެހި ރާއްޖެއަށް ބަލާލާއިރުވެސް އެކަން އޮތީ އެހެނެވެ.

4. ދެ ޕާޓީ އެކުލެވޭ ނިޒާމުގެ އެންމެ ބޮޑު ދެރަކަމަކީ، އެ މީހަކު ގަޔާވާ ލީޑަރުގެ އިތުރަށް ދެން ހުންނަނީ މައިގަނޑު އެންމެ ލީޑަރެކެވެ. އިތުރު ލީޑަރުންތަކެއް ފެންނާކަށް ނުތިބެއެވެ. އެ މީހަކު ގަޔާނުވާ ލީޑަރުގެ ފަހަތަށް ދިއުމަކީ އޭގެ ޒާތުން މުސްތަހީލުކަމަކަށް ވަނީވެފައެވެ. ނަތީޖާއަކީ އެ މީހަކު ގަޔާވާ ލީޑަރުގެ ވިޔާނުދާ އެއްވެސް ކަމެއް ނުފެންނަ މިންވަރަށް ލޯ އަނދިރިވުމެވެ. ކަންފަތް ބީރުވުމެވެ. ބައެއް ފަހަރު ސަޖިދަ ޖަހާ ހިސާބުގައި ތިބުމެވެ.

ކަން މިހެން އޮތުމާއެކު، ދެ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމުގެ ފައިދާއާއި ގެއްލުމަށްވެސް ނަޒަރު ހިންގުމަށްފަހު، އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހި ރާއްޖެއަށް އެންމެ ރަނގަޅީ ޒިންމާދާރު އަދި ބޮޑު ދެ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެވެ. އެއީ މި ވަގުތަށް ބަލާނަމަ، ޕީ.ޕީ.އެމް އާއި އެމް.ޑީ.ޕީ އެވެ.

ތިންވަނަ ފިކުރެކޭ ނުވަތަ ތިންވަނަ ގޮތެކޭ ނުވަތަ އެނޫންވެސް އެހެން އެއްޗެކޭ ކިޔުއްވާ ފަރާތްތައް ވަނީ ނާކާމިޔާބު ވެފައެވެ. އެ ބުނުއްވާ ތިންވަނަ ފިކުރަކީ ކޮބައިކަން ބަޔާންކޮށްދިނުމަށް އެ ފަރާތްތައް ވަނީ ނުކުޅެދިފައެވެ. ހަމައެކަނި ހިނގައިދިޔަ ކަމަކީ ރައްޔިތުންގެ ހިތުގައި ވެރިކަމުގެ ނިޒާމާމެދު އޮތް އިތުބާރު ކުޑަކުރުމަށް ނުތާހިރު މަސައްކަތްތަކެއް ކުރުމެވެ.

އެހެންކަމުން، އިތުރު އެގޮތް މިގޮތް ހަދައިގެން ދިވެހި ވެރިކަމުގެ ނިޒާމު ތަޣައްޔަރުކުރުމުގެ ބޭނުމެއް އޮތްކަމަކަށް ނުފެނެއެވެ.
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved