މާލޭގެ މަގުތަކަށް ލުޔެއްލިބޭނީ ކިހިނެތް؟

Wednesday, 10 October 2018 | 11:15


 
މާލެއަށް މީހުން ޖަމާކޮށް، އިންސާނުން ދިރިއުޅެން ކަމުނުދާމިނަށް އެތަން ތޮއްޖައްސަން ތަރުހީބުދޭ ސިޔާސަތުގެ އަހުލުވެރީން މިވަނީ 2018 ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ބައްޔަކުން ބަލިވެފައެވެ.

އެޔާއެކު، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު އަވަސްވެގަތީ މާލޭގެ މަގުތަކަށް ލުޔެއް ލިބޭނީ ކިހިނަކުންތޯ ރައްޔިތުންކުރެން އަހާ އޮޅުންފިލުވުމަށެވެ. އިތުރު ހިޔާލު ހޯދުމަށެވެ. ގެނެވިދާނެ ބަދަލުތަކަކީ ކޮބައިތޯ ބެލުމަށެވެ. 

ފެންނަފެނުމުގައި، ލާމަރުކަޒީ ނިޒާމުގައި އެޅުވިފައި އޮތް ކަސްތޮޅު އިއްތިހާދުގެ ވެރިކަމުގައި ނެއްޓޭނެކަމުގެ އިހުސާސް މާލޭ ސިޓީގެ މޭޔަރަށް ކުރެވުނީއެވެ.

މާލޭގެ މަގުތައް ކާރޫބާރޫ ބޮޑެވެ. ވިއްސަކަށް ފޫޓުގެ މަގުތަކާއި ދިހަބާރަ ފޫޓުގެ ގޯޅިތަކުގައި ދުއްވަން ހައެއްކަ ހާސް ކާރާއި ބައިލައްކަ ސައިކަލު އެބަހުއްޓެވެ. ނުވިތާކަށް، އަލިފާންފޮއްޓެއްފަދަ މާލޭގައި، އެތަނަށް ނުކަތާވަރަށް މީހުން އެބައުޅެތެވެ.

އެ ހާސްކަމާއި އުދާހުގައި، ނުތަނަވަސްކަމާއި ނުރުހުމުގައި މީހުން މާލޭގައި އުޅެނީ ކޮންމެހެން އެތަނަކީ މާ ހިތްފަސޭހަތަނަކަށް ވެގެނެއްނޫނެވެ. އެހެންނަމަވެސް، ރަށްފުށުގައި ޒަރޫރީ ބޭނުންތައްވެސް ފުދެން ނުހުންނާތީ، އެހެންގޮތެއް ނެތުމުންނެވެ. ކިތެންމެ ހާލުގައި ގަނަތެޅެންޖެހުނަސް، ހާލަތުއްޒަރޫރާގެ ދަށުން މާލޭގައި އުޅެންޖެހިފައިވަނީއެވެ.

މާލޭގެ މަގުތައް ތޮއްޖެހިފައިވަނީ، އެތަނަށް ނުކަތާވަރަށް މީހުން ޖަމާކުރުމުންނެވެ. އެމަގުތަކަށް ލުޔެއް ލިބޭނީ، ބޮޑުތަކުރުފާނުމަގުން އެތެރެއަށް މިރާއްޖޭގެ އެންމެން ޖަމާކޮށް، ހައްޔަރުކޮށް، އޮބިއަޅައިގެން ގެންގުޅެން މާލޭ ސަރުކާރުން ގެންގުޅޭ ސިޔާސަތު ދޫކޮށްލައިގެންނެވެ. މަޖީދީ މަގު ނޫނަސް، ދިވެހި މީހާ ނުކުންނާނެ މަގެއް ދައްކައިދީގެންނެވެ. މާލެއަކުން ނޫނެވެ. އެހެން ހިސާބަކުންނެވެ.

ސަރަހައްދީ ތަރައްގީގެ ވާހަކަ ފަށަންޖެހެނީ މިހިސާބުންނެވެ. މާލެއަށް ދާންޖެހޭ ޒަރޫރިއްޔަތު ނައްތާނުލެވޭހާ ހިނދަކު މާލޭގެ މަގުތަކަށް ލުޔެއްނެތެވެ. މާލެ ނޫން އެހެންތަނަކަށް ދިވެހި މީހާ ދަތުރުކުރަންޖެހޭ ސަބަބެއް ގާއިމުނުކުރާހާ ހިނދަކު، މާލޭގެ މަގުތަކަށް ލުޔެއް ނުލިބޭނެއެވެ.

ހައްލަކީ މެކޭނިކަލް ޕާކިންގ ސިސްޓަމެއްނޫނެވެ. ހައްލަކީ ސަރަހައްދީ ތަރައްގީއެވެ. އެއީ، ލާމަރުކަޒީ އުސޫލުން، ރާއްޖޭގެ އެކި ހިސާބުގައި ތަރައްގީކުރެވިފައިވާ އާބަން ސެންޓަރުތަކެވެ. ދިވެހިންގެ މިސްރާބު، ބައެއް ކަންކަމުގައި ނަމަވެސް، އެ އާބަން ސެންޓަރުތަކާ ދިމާއަށް ބަހައްޓަން ފެށީމާ، މާލޭގެ މަގުތަކަށް އިސާހިތަކު ލުއިލިބިގެންދާނެ ކަމީ މުޖައްރިބުކަމެކެވެ.

އިއްތިހާދުގެ މެނިފެސްޓޯގައި ވަނީ، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އާބަން ސެންޓަރުތަކެއް ހަދާނެ ވާހަކަ ބަޔާންކޮށްފައެވެ.
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved