މަޖިލީސް މެންބަރުންގެ މުސާރަ އިތުރަށް ބޮޑުކުރުމުގެ ދޮރު ބަންދުކުރަންޖެހޭ

Thursday, 25 October 2018 | 02:56


މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ދެމަސްވީއެވެ. މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ބުނާގޮތުންނަމަ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތީއެވެ. މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މިކަމާމެދު ކުޑަކޮށް ނަމަވެސް ވިސްނާލާފައިވާހެނެއް ހިޔެއްނުވެއެވެ. ކޮންމެއަކަސް، ރައްޔިތުންގެ ޓެކްސްފައިސާއިން ކޮންމެ މަހަކުވެސް އެތައް މިލިޔަން ރުފިޔާއެއް މެންބަރުންގެ މުސާރައިގެ ގޮތުގައި ދަނީ ހޭދަކުރެވެމުންނެވެ. ނުކުރާ މަސައްކަތަކަށެވެ.

ކަންމިހެން އޮއްވާ، ރައީސް އަބުދުﷲ ޔާމީން ރިޔާސީ އިންތިހާބުން ބަލިވުމާއެކު މަޖިލީސް މެންބަރުންތައް ވެސް މިވަނީ އެގޮތް މިގޮތަށް ހަރަކާތްތެރިވާންފަށާފައެވެ. މިރާއްޖޭގެ އޮޔާއި ވައިބަދަލުވަމުންދާގޮތް ނުފެންނަކަމަށް އަދި ނުއިވޭކަމަށް ހަދައިގެން ހުރި އަބުދުﷲ މަސީހުގެ ކިބައިން މަޖިލީހުގެ ރައީސްކަން ނިގުޅައިގަނެ، އޭނާގެ ފަރުވާކުޑަކަމާއި އިހުމާލަށް ޒިންމާކުރުވުމަށް ހުރިހާ ޕާޓީއެއްގެ މެންބަރުންވެސް މިވަނީ އަތުކުރިއޮޅާލާފައެވެ.

މިވަގުތުގެ ބޭނުންހިފައި، މަޖިލީހުގެ ރައީސްކަމަށް އައުމަށް ބޭނުންވާކަން ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ މިވަނީ އިއުލާނުކޮށްފައެވެ. "ނުކިޔަވާ އިބޫ"ގެ އަތްދަށުވެ ބޮޑު ބައްޔަކުން ޕީޕީއެމް ބަލިވެފައިވާ މި ދަނޑިވަޅުގައި އެ ޕާޓީގެ ނައިބުރައީސް، ކިޔަވައިގެން ހުރި އަބުދުއްރަހީމް އަބުދުﷲ މިވަނީ އޭނާއަށްވުރެވެސް އިތުރަށް ކިޔަވައިގެންހުރި އަބުދުﷲ ޚަލީލަކީ އޭނާގެ ތަރުޖަމާނުކަމަށްވެސް އިއުލާނުކޮށްފައެވެ.

އޭގެ އިތުރުން، އަބުދުއްރަހީމް އަބުދުﷲ އިއުލާނުކޮށްފައިވާ ދެވަނަ ކަމަކީ، އޭނާއަށް މަޖިލީހުގެ ރައީސްކަން ލިބިއްޖެނަމަ މަޖިލީސް މެންބަރުންގެ މުސާރަ 150،000ރ އަށް އިތުރުކުރާނެ ވާހަކައެވެ. މިހާރުވެސް އެތައް ބިލިޔަން ރުފިޔާއެއް ދަރާފައިވާ މި ރާއްޖޭގެ މަޖިލީސް މެންބަރުންނަށް މިހާބޮޑު މުސާރައެއް ދޭނީ އަބުދުއްރަހީމް އަބުދުﷲގެ އަގުބޮޑު އަނގޮޓި ވިއްކާލައިގެންކަން ނުވަތަ އެނޫން ގޮތަކުންކަން އޭނާ އަދި ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭގޮތުގައި، އަބުދުއްރަހީމް އަބުދުﷲ މަޖިލީހުގެ ރައީސްކަމުގެ ގޮނޑި ހޯދުމަށް ވެފައިވާ ވައުދަށް ޒިންމާވާންޖެހޭނީ ޓެކްސްދައްކާ ނިކަމެތީންނެވެ.

އަބުދުއްރަހީމް އަބުދުﷲ އަށް މަޖިލީހުގެ ރައީސްކަން ލިބިއްޖެނަމަ ނިކުންނަން އޮތް ނަތީޖާ ފަހެކެވެ. ފުރަތަމަ ކަމަކީ، އޭނާއަށް މަޖިލީހުގެ ރައީސްކަން ލިބުމުގެ ފުށުން ލިބޭ އުފާވެރިކަމާއި އިއްޒަތާއި ލައްޒަތެވެ. ދެވަނައީ، މަޖިލީސް މެންބަރުންނަށް އިތުރުވާން އޮތް މުސާރައެވެ. ތިންވަނައީ، ނުކިޔަވާ އިބޫގެ ރައީސްކަމުގައި، މަޖިލީހުގެ ރައީސަކަށް ކިޔަވައިގެން ހުރި މީހަކު އައުމުގެ އުފާވެރިކަމެވެ. ހަތަރުވަނައީ، މަޖިލީހަކީ ލާޗާރުބިޗާރު މޮޔައިންގެ މަރުކަޒެއް ކަމުގައި ސިއްކަޖެހިގެން ދިއުމެވެ. ފަސްވަނައީ، ފަރުދަކު ވަކި މަޤާމަކަށް އައުމުން އިތުރުވާ ހަރަދަށް އާންމު ނިކަމެތީން ޒިންމާވާންޖެހުމެވެ.

ކަން މިހެން އޮތުމާއެކު، އާންމު މަދަނީ މުވައްޒަފަކަށްވުރެ މިހާރުވެސް 16 ގުނަ އިތުރަށް މުސާރަނަގަމުންދާ މެންބަރުންގެ މުސާރަ އިތުރަށް ބޮޑުކުރުމަކީ ފުރުޞަތުދޭން ހެޔޮވާވަރުކަމެއް ނޫނެވެ.

ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved