ޕިޔޯނުގެ މިލްކިއްޔާތު، އޭނާގެ އާމްދަނީއާ ނުބައްދަލުވުމުގެ ނަތީޖާ

Monday, 24 September 2018 | 18:05


އޭނާގެ ނަމަކީ ކުލްދީޕު ޔާދޭވު އެވެ. ފެންނަފެނުމުގައި ނުހަނު މަޑުމައިތިރިވެފައި ކިޔަމަންތެރިއެވެ. 1983 ވަނަ އަހަރުން ފެށިގެން އޭނާ ދަނީ ވަޒީފާ އަދާކުރަމުންނެވެ. އިންޑިއާގެ މަދިޔަޕުރަދޭސްގެ ބޭންކެއްގަ އެވެ. މަޤާމަކީ ޕިޔޯނުކަމެވެ. މަސައްކަތަކީ ޒިޔާރަތްކުރާ ފަރާތްތަކަށް އަތްގާތްކޮށްދިނުމާއި އެތެރޭގެ ލިޔެކިޔުންތައް ބަދަލުކުރުމުގައި މެދުވެރިވުމެވެ. ފެށުނު މުސާރައަކީ ހައެއްކަ ހާސް ރުޕީސް އެވެ. އެއީ ދޮޅުހާހެއްހާ ދިވެހި ރުފިޔާއެވެ. އަދި މިހާތަނަށް މަޤާމުގެ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ވަޒީފާއަދާކުރާތާ މިހާތަނަށް ތިރީސް އަހަރު ވީއެވެ. މިހާރުގެ މުސާރައަކީ ވިއްސަކަށް ހާސް ރުޕީސްއެވެ. އެއީ ހައެއްކަ ހާސް ދިވެހި ރުފިޔާއެވެ. އޭނާއާ ބެހޭގޮތުން ނޭނގެނީ އިތުރު ކޮންކަމެއްތޯއެވެ؟

މި ސުވާލުގެ ޖަވާބު ހޯދުމުގެ ގޮތުން، އާންމުމީހަކު ވަނީ ޔާދޭވްގެ އާމްދަނީއާ ނުބައްދަލު މުދާވެރިކަމުގެ ވާހަކައިން ފުލުހުންނަށް ޝަކުވާކޮށްފައެވެ. އެހެންކަމުން މަދިޔަޕުރަދޭސް ގެ ލޯކަޔުކުތާ (އެންޓިކޮރަޕްޝަން) ފުލުހުންވަނީ ރޭ ދަންވަރު ތިނެއް ޖަހާލިހާއިރު، މަދިޔަޕުރަދޭސްގެ ވާލިޔާ ގައި ހުންނަ، ޔާދޭވް ގެ ތިންބުރިގެޔަށް ވަދެފައެވެ. އެވަގުތު ޕިޔޯނު ޔާދޭވު އެ ގޭގައި ނޫޅުނެއްކަމަކު، ގަނޑުވަރެއްފަދަ އެ ގެއިން ފުލުހުން ހޯދި ތަކެތީގެ ތެރޭގައި އިތުރު ހަތަރުފަސް ގެއެއްގެ ރަޖިސްޓްރީއާއި، ލަގްޒަރީ ދެ ކާރެއްގެ ރަޖިސްޓްރީގެ އިތުރުން އެތަކެއް ގަހަނާއާއި، ހަތަރުފަސް ލައްކަ ރުޕީސްގެ އަގުހުރި އިންސުއަރެންސް ޕޮލިސީ އަދި ގިނަގުނަ ފައިސާ ހިމެނެއެވެ. ޕިޔޯނު ޔާދޭވު ގެ މިލްކިއްޔާތު "އޭނާގެ އާމްދަނީގެ ދެގުނައަށްވުރެ މައްޗަށް އަރާ" ކަމަށް ލޯކަޔުކުތާގެ އިސް އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫސްތައް ބުނެއެވެ.


ތިރީސް އަހަރު ޕިޔޯނުކަން ކުރިމީހާ އާއި ތިރީސް އަހަރު ވެރިކަންކުރި މީހުން އަޅާކިޔުމެއްނެތެވެ. އެހެނަސް، މިހާ ހިސާބުން އުފެދޭ ސުވާލަކީ، އެމީހާގެ އާމްދަނީއާ ނުބައްދަލު މިންވަރަކަށް މިލްކިއްޔާތު ބޮޑުކަމަށް ފާހަގަކުރެވޭ، ކިތަށް "ޕިޔޯނުން" ދިވެހިރާއްޖޭގައި އެބަ އުޅޭބާވައެވެ. ފެންނަ ފެނުމުގައި، އިރުއޮއްސިފަ އިރުއެރުމާ ދޭތެރޭ މަހުޖަނުންނަށް ބަދަލުވެފައިވާ އެތައްބަޔަކު ކޮންމެ ދުވަހަކުވެސް ލޯކުރިމައްޗަށް ތިލަވަމުން ދެއެވެ. އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތެވެ. ފިޔަވަޅު އެޅޭނެ އެއްވެސް ނިޒާމެއްވެސް އޮތްކަމަކަށް ނުވެއެވެ.

މި ފަދައިން، އިޖުތިމާއީ އަދާލަތު ނެތުމުގެ ނަތީޖާއަކީ ހައްޤުގެ މައްޗަށް ބާތިލު ކުރިހޯދުމެވެ. މުޖުތަމަޢު ފިތުނަފަސާދަވުމެވެ. އެކަކު އަނެކަކުގެ މައްޗަށް ކުރާ ނަފުރަތު ބޮޑުވުމެވެ. އޭގެ އަނިޔާއަކީ، ވައްކަމާއި، ޓެކުމާއި، ޚިޔާނާތާއި، މާރާމާރީ ގިނަވުމުގެ އިތުރުން މުޅި މުޖުތަމަޢުއަކީ ހަމައެއް ލަމައެއް ނެތްތަނަކަށް ބަދަލުވުމެވެ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ މި ނޫން އިތުރު ކޮން މަންޒަރެއް ހެއްޔެވެ؟
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved