ބްރެކްސިޓްގެ ސަބަބުން އީޔޫއަށް އަހަރަކު 10 ބިލިޔަން ޑޮލަރު ގެއްލޭނެ

Sunday, 23 September 2018 | 20:44


ޔޫރަޕްގެ އިއްތިހާދުން ވަކިވުމަށް އިނގިރޭސި ރައްޔިތުންނަށް ފެނޭތޯ ބެލުމަށް 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓްގައި، އިނގިރޭސީން ވަނީ އެބައިމީހުން ބޭނުންވާގޮތް އިއްވާފައެވެ. އިނގިރޭސީންގެ އަޣުލަބިއްޔަތު ބޭނުންވަނީ ޔޫރަޕުގެ އިއްތިހާދު (އީޔޫ) އިން ވަކިވާށެވެ. 

އެކަން ދަނީ މިހާރު ކުރިޔަށެވެ. އީޔޫ އިން ވަކިވުމުގެ މަރުހަލާތައް އިންގިރޭސީން މިހާރު ބާރުލާފައި ކުރިޔަށް ގެންދާއިރު، ގިނަ ބަޔަކު ދަނީ ބްރެކްސިޓްގެ ސަބަބުން އިނގިރޭސީންނަށް ލިބެމުންދާ އަދި ލިބޭނެ ކަމަށް ފެންނަ ގެއްލުމުގެ ވާހަކަ ދައްކަމުންނެވެ. 

އެހެންނަމަވެސް، އީޔޫއިން އިނގިރޭސީން ވަކިވުން ވެގެންދާނީ އީޔޫއަށްވެސް ގެއްލުންތަކެއް ލިބޭ ކަމަކަށެވެ. އެގޮތުން:
1. މުޅި އީޔޫގެ އުފެއްދުންތެރިކަމުގެ 18 އިންސައްތަ އުފައްދާ އިނގިރޭސީން އެ އިއްތިހާދުން ވަކިވުން ވެގެންދާނީ އެ އިއްތިހާދުގެ ޖުމްލަ އުފެއްދުންތެރިކަން އިހުނަށްވުރެ ބޮޑުތަނުން ދަށްވެގެންދާނެ ކަމަކަށެވެ. 
2. ޔޫރަޕްގެ އާބާދީ އިތުރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައިވާ މިދަނޑިވަޅުގައި، އީޔޫއިން އިނގިރޭސީން ވަކިވެގެންދާނީ އެ އިއްތިހާދުގެ 13 އިންސައްތަ ވެސް ގޮވައިގެންނެވެ. 
3. މުޅި އީޔޫގައިވެސް އަޝްކަރިއްޔާއަށް އެންމެ ބޮޑު ނިސްބަތަކުން ހޭދަކުރަނީ އިނގިރޭސީންނެވެ. އިނގިރޭސީން ވަކިވުމުން، އީޔޫގެ އަޝްކަރީ ބާރުވެރިކަމަށް ހީނަރުކަމެއް އަންނާނެއެވެ.
4. އިނގިރޭސި ވިލާތަކީ އީޔޫއަށް އަހަރަކު 10.4 ބިލިޔަން ޑޮލަރު އެތެރެކުރާ ޤައުމެކެވެ. އިނގިރޭސީން އެ އިއްތިހާދުން ވަކިވުމާއެކު، މި ފައިސާ އެ އިއްތިހާދަކަށް ނުވަންނާނެއެވެ. 
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved