ރާއްޖޭގައި 1920 ޘާނަވީ ދަރިވަރުންނަށް ޖިސްމާނީ އަނިޔާކުރިއިރު، ހިއުމަން ރައިޓްސް ކަމިޝަން ނިދާފަ

Wednesday, 17 September 2014 | 00:03


މިއަދު ދިވެހިރާއްޖެ ސިއްސައިގެން ދިޔަ އެއްކަމަކީ ހިއުމަން ރައިޓްސް ކަމިޝަނުން ނެރުނު ޔުނިވާރސަލް ޕީރިއޮޑިކް ރިވިއުގައި ބަޔާންކޮށްފައިވާ ބައެއް ވާހަކަތަކުގެ ސަބުންނާއި، އަދި އެ ވާހަކަތައް ބައެއް ދުވަހު ނޫސްތަކުން ފެތުރިގޮތުންނެވެ. 

ހިއުމަން ރައިޓްސް ކަމިޝަނުގެ ލިޔުމާ ހަވާލާދީ ދުވަހު ނޫސް ހަވީރުން ބުނީ ދިވެހިރާއްޖޭގެ ޘާނަވީ ދަރިވަރުންގެ ތެރެއިން އަށް (08) ޕަރސެންޓް ދަރިވަރުންނަށް ޖިސްމާނީ އަނިޔާ ކުރާކަމަށެވެ. ބައެއް ތަފާސްހިސާބުން ދައްކާގޮތުގައި ފާއިތުވެ ދިޔަ އަހަރު ދިވެހިރާއްޖޭގައި 24،000 އަށްވުރެ ގިނަ ދަރިވަރުން ޘާނަވީ ކުލާސްތަކުގައި ތައުލީމު ހާސިލުކުރިއެވެ. އޭގެ އަށް ޕަރސެންޓަކީ 1920 ދަރިވަރުންނެވެ.

ނުހަނު ހާމަކަންބޮޑު މި ކުޑަކުޑަ ދިވެހިރާއްޖޭގައި 1920 ދަރިވަރަކަށް ޖިސްމާނީ އަނިޔާ ކުރިއިރު ހިއުމަން ރައިޓްސް ކަމިޝަން ކޮބާތޯއެވެ؟ އެ ކަމިޝަނުގެ ހަމައެކަނި ޒިންމާއަކީ އަނިޔާވި ދަރިވަރުންގެ ތަފާސްހިސާބު ބެލެހެއްޓުންތޯއެވެ؟ އެފަދަ ފުޅާ ދަރަޖައެއްގައި އެފަދަ ޖަރީމާއެއް ހިންގާއިރު، އެ ކަމިޝަނަށް ރެޔަކާނުލާ އޮވެދާނެބާވައެވެ؟ ރީތި ސުރުހީތައް ޖަހާލަންވެގެން، ސައްޙަ އެއްވެސް ދިރާސާއެއް ކުރުމެއްނެތި އެ ކަމިޝަނުން ހަމަ ތިބެލާފަ އެއްޗެކޭ ކިޔަނީބާވައެވެ؟ ނުވަތަ، ތައުލީމީ ދާއިރާގެ މުވައްޒަފުން މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށާއި މުދައްރިސުންގެ މަސައްކަތު މާހައުލު ރަނގަޅުކުރުމަށް އަދި ދަރިވަރުންގެ އުނގެނުމުގެ މާހައުލު ރަނގަޅުކުރުމުގެ ގޮތުން ތަނާއި ވަޞީލަތްތައް ހޯދުމަށްއެދި އަނެއްކާވެސް ހަޅުތާލުކުރަންޖެހިދާނެކަމަށް ބުނަމުންދާތީ، އެކަމަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުގެ އެދުމަކަށް އެ ކަމިޝަނުގެ ފަރާތުން (ރައީސް މައުމޫންގެ ބަހުންނަމަ) ޓައިމް ބޮމެއް އެޅީބާވައެވެ؟

އާނއެކެވެ! 1920 ދަރިވަރަކަށް ޖިސްމާނީ އަނިޔާކުރުމަކީ ކުޑަކުޑަކަމެއް ނޫނެވެ. އެއީ ހަޤީޤަތުގައިވެސް ހިނގާފައިވާ ކަމެއް ކަމުގައި ވާނަމަ، އެކަމުގައި ސާމިލުވާ ފަރާތްތައް ހޯދާ ޤާނޫނުގެ ކުރިމަށްޗަށް ނެރެ، އިންސާފު ޤާއިމުކުރަންޖެހޭނެއެވެ. ހަމަ އެހެންމެ، އެފަދަ ޖަރީމާތަކެއް ހިންގި އިރު، ހިއުމަން ރައިޓްސް ކަމޝަނުގެ މެންބަރުން ހަމަހޭގައި ތިބެގެން، އެކަންކަން ހުއްޓުވަން އަތުންފައިން އެއްވެސް ކަމެއް ނުކޮށް ތިބުމަކީ މަޤާމުގެ ވާޖިބު އަދާނުކުރުން ކަމުގައިވާތީ، އެފަރާތްތައް ޒިންމާދާރުކުރުވުމަކީވެސް ނުހަނު މުހިންމު ކަމެކެވެ.

ފެންނަފެނުމުގައި، ކަމެއް ދެކަމެއް ހިނގާފައި އޮވެދާނެއެވެ. އެހެނަސް ދިވެހިރާއްޖޭގެ 1920 ދަރިވަރުންނަށް ޖިސްމާނީ އަނިޔާލިބޭއިރު، އެކަން ދުނިޔެއަށް ނޭނގި، އިނގޭނެ ހަމައެކަނި ފަރާތަކީ ހިއުމަން ރައިޓްސް ކަމިޝަން ކަމުގައި ޤަބޫލުކުރަން ދައްޗެވެ.

ބޮޑަށް ބެލެވޭގޮތުގައި، ހިއުމަން ރައިޓް ކަމިޝަނުގެ ވާހަކަތަކަކީ ޒިންމާދާރުކަމެއްނެތި، ސައްޙަ ދިރާސާއަކަށް ބަރޯސާވުމެއްނެތި، އަސްލަށްވުރެ ހާސްގުނަ ބޮޑުކޮށްގެން، ކަންކަން އޮތްނެތްގޮތް އޮޅުވާލުމަށާއި އެ ކަމިޝަނުން ބޭނުންވާ ވަކި މަޤުޞަދެއް ހާސިލުކުރުމަށްޓަކާ ހަދާފައިވާ ދޮގެކެވެ. ކަން މިހެން އޮތްއިރު، އެ ކަމިޝަނަކީ ބައެއްފަހަރު މާތް ﷲ ގެ ބަސްފުޅަށް ކަނޑައެޅިގެން އިންކާރުކުރާ ކަމިޝަނަކަށް ވާތީ، އެ ކަމިޝަނުން ދައްކާފަ ނުދައްކާނެ ވާހަކައެއް ލަފާކުރުމަކީވެސް ދަތިކަމެކެވެ.
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved