ކާމިޔާބު ހޯދުން

Friday, 8 November 2013 | 01:30

ހަމަ ކޮންމެ އިންސާނަކީވެސް ހުނަރުން ފުރިގެންވާ މީހެކެވެ. އުނގެނުމާއި އުނގަންނައިދިނުމުގެ ތެރެއިން އަޅުގަނޑުމެން ކުރާ މަސައްކަތަކީ، އެ މީހެއްގެ ކިބައިގައި ފޮރުވިފައިވާ ހުނަރުތައް އަނެކުންނާއި ހަމައަށް ގެނެސްދިނުމެވެ. ހުށަހަޅައިދިނުމެވެ. ނަމަވެސް، ތަޖުރިބާކުޅައުމުގެ ފަރާތުން އެނގި ހާމަވެފައިވާގޮތުގައި އިންސާނާ ބޭނުންކޮށް މިއުޅެނީ އޭނާގެ ބުއްދީގެ ވަރަށް ކުޑަ މިންވަރެކެވެ. ގާތްގަނޑަކަށް ދެތިން އިންސައްތަ އެވެ. ބުއްދިހެޔޮކަމަށް ވިހި ވަނަ ޤަރުނުގައި ނަންހިނގާފައިވާ ސައިންޓިސްޓް އަލްބަރޓް އައިންސްޓެއިން ވެސް ބޭނުންކުރިކަމަށް ބުނެ އުޅެނީ ދިހަބާރަ އިންސައްތައެވެ. 

ފަހުގެ ހޯދުންތަކުން ފެންނަ ފެނުމުގައި، މަދުރަސީ ހަޔާތް ނިންމުމަށްފަހު، ވަޒީފާގެ ބާޒާރަށް މިސްރާބު ޖަހާ ޒުވާނުންގެ ތެރެއިން ލޯހުޅުވައިގެންތިބެ ވަޒީފާއަކަށް ނެގުމަށް ކަމުދާ ޒާތުގެ މީހުންގެ ނިސްބަތަކީ ދިހަވަރަކަށް އިން ސައްތައެވެ. ބާކީ ތިބީންނަށް ވަޒީފާއަދާކުރުމާބެހޭ ތަމްރީނުތައް ދިނުމަށްފަހުގައި ބަލާއިރުވެސް ނެގޭނެކަމަށް ފެނިފައި މިވަނީ އޭގެތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުނެވެ. އެކަން އެހެން ދިމާވަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ވަޒީފާގެ މާހައުލުގައި ކާމިޔާބަށް ވާޞިލުވުމަށް މިސްރާބުޖަހާއިރު، އުނގެނިފައިވާ އެއްޗެއް ނުވަތަ ހޯދާފައިވާ މައުލޫމާތެއްގެ ބޭނުން ހިފެނީ 15 އިންސައްތަ އެވެ. 85 އިންސައްތަ ހިއްސާކުރަނީ މީހާގެ އުޅުމާއި ގުޅުމެވެ. މަސައްކަތު އަޚުލާޤެވެ. ދޭދޭ މައްސަލަތަކުގައި މުއާމަލާތުކުރާގޮތެވެ. އެމުނިއެކުލެވިގެން އުޅުމުގެ ހުނަރެވެ. އެހެންކަމުން، ފެންނަން އޮތް ހަޤީޤަތަކީ، ވާދަވެރި މަސައްކަތު މާހައުލުތަކުގައި ވަޒީފާއިން ވަކިވެގެންދާންޖެހޭ ހާލަތްތަކުގައި ގާތްގަނޑަކަށް ކޮންމެ 10 މީހަކުން 7 މީހަކީ އުޅުމާއި ގުޅުމުގެ ހުނަރު އުނިވުމުގެ ސަބަބުން އަނިޔާއަށް ހުށަހެޅިފައިވާ ބަޔަކަށް ވާކަމެވެ. 

މިވަގުތު ފެންނަމުންދަނީ، ވަޒީފާއަކަށް މީހުން ނެގުމުގައި އެ މީހެއްގެ ކިބައިގައިވާ ޢިލްމަކަށް (ނުވަތަ "ބަރު ހުނަރު") ބަލައިގެން ނެގުމަށްފަހު، ހަމަ އެމީހާގެ ކިބައިގައި ހިލްމު (ލުއި ހުނަރު) ނެތްކަމުގައި ބުނެ ވަޒީފާއިން ވަކިކުރަން ލާޒިމުވެގެން، އެފަދަ މީހުން ވަޒީފާއިން ވަކިކުރަމުން ދާ މަންޒަރެވެ. ކަން އެހެން އޮތުމާއި އެކު، ދުނިޔަވީ އެއްވެސް ބާރަކުން ވަކިވަކި ފަރުދުންގެ ކާމިޔާބަށް ހުރަސްނޭޅޭނެކަން ކަށަވަރުކުރުމަށްޓަކައި، ހަމަ ކޮންމެ މީހަކީވެސް މަދުރަސީހަޔާތުން ލިބުނު ޢިލްމެއްގެ އިތުރަށް، އުޅުމާއި ގުޅުމުގެ ތަފާތު ހުނަރުތައް އުނގެނޭ މީހަކަށް މިވަނީ ވާންޖެހިފައެވެ. ހިލްމުވެރިކަން ފުޅާކުރަންޖެހިފައެވެ. 

ފަރުދީ ކާމިޔާބޭ ބުނެވޭ ބަހުގެ މާނައީ، އިންސާނާ ކުރާ ކަންކަމުގައި އޭނާގެ ކިބައިގައިވާ ބުއްދިއާއި ހުނަރުގެ އެދެވޭ ބޭނުމަށްވަދެ ނެރެ ދައްކާ ނަތީޖާއެވެ. އެއީ ހަމަ ކޮންމެ މީހަކުވެސް އެ މީހަކުގެ އަތްފައިން ހިންގާ ހަރަކާތްކުގެ މޮޅުދެރަ މިނާ މިންގަނޑެވެ. 

ފަރުދީ ކާމިޔާބަކީ ހަމަ ކޮންމެ މީހެއްގެވެސް ލަނޑުދަނޑިއެކެވެ. ކަން މިހެން އޮތުމާއިއެކު، ފަރުދީ ކާމިޔާބީ އިތުރުކުރެވިދާނެ ގޮތްތަކުގެ މައްޗަށް ވާހަކަދެއްކުން މޮޅުއިތުރުކަމުގައި ދެކެމެވެ. 

1. އަމިއްލަ ނަފުސަށް އިތުބާރުކުރުން 
ނަތީޖާއަކީ މީހަކު ކުރާ މަސައްކަތަކުން ނެރޭ އެއްޗެކެވެ. އެހެންކަމުން، ކާމިޔާބަށް އެދޭ މީހާއަކީ އެމީހެއްގެ އަމިއްލަ ނަފުސުގެ އަގުކުރާ މީހަކަށް ވާންޖެހެއެވެ. ތިމާއަށް މިކަން ކުރެވޭނެކަމުގެ ލިޔާޤަތާއި ޤާބިލުކަން ލިބިފައިވާކަމަށް ދެކެންޖެހެއެވެ. ތިމާއަކީ ހުނަރުހުރި މީހެއްކަމުގެ އިހުސާސް އެބަ އޮންނަންޖެހެއެވެ. ތިމާގެ ސިކުނޑިވަނީ ތަޅުލެވިފައި ނޫންކަމާއި ބުއްދިކުރުމަކީ ހައްދެއް އޮތްކަމެއް ނޫންކަން އެނގެން އެބަޖެހެއެވެ. ވިސްނުމަކީ ސިކުނޑީގެ ކާނާ ކަމާއި ތިމާގެ ސިކުނޑިއަކީ ހަމަގަދައަށް ކަންކަމާމެދު ވިސްނުމުގެ ބާރުލިބިފައިވާ ގުނަނެއްކަން ދަންނަން އެބަޖެހެއެވެ. ކުރެވޭނެކަމުގެ ޔަޤީންކަމާއި ކުރާނެކަމުގެ އަޒުމް އޮންނަން ޖެހެއެވެ. މަސައްކަތެއް ކަމުގައި ވިޔަސް ނުވަތަ އިމްތިހާނެއް ކަމުގައި ވިޔަސް ތިމާ މިހިރީ އެކަމަށް ސިކުނޑިއާއި ހަށިގަޑުންވެސް ތައްޔާރަށްކަން ހަނދާންހުންނަން ޖެހެއެވެ. 

2. ތައްޔާރުވުން 
ކާމިޔާބީއާއި ނާކާމިޔާބީގެ ދެމެދުގައި ގިނަފަހަރު އޮންނަ ފަރަޤަކީ އެކަމެއް ކުރުމަށްޓަކައި އެ މީހަކު ވާ ތައްޔާރީގައިވާ ފަރަޤެކެވެ. އަބަދުވެސް އަޑުއިވޭގޮތުގައި، ކަންކަން ރޭވުމަށް ފެއިލްވެއްޖެ މީހާ އެރާވަނީ މަސައްކަތުގައި ފެއިލްވާށެވެ. އެހެންކަމުން، ދުރާލާ މަސައްކަތް ރޭވުމާއި މަސައްކަތް ކުރިޔަށްގެންދިއުމުގެ އެންމެހާ ތައްޔާރީތައް ވުމަކީ ނުހަނު މިހުންމު ކަމެކެވެ. ނަތީޖާއެއް ނެރެވޭނީ ދިގުމުއްދަތުގެ ކާމިޔާބަށް އަމާޒުހިފާ، ކުރުމުއްދަތުގެ ގޭނުންތަކެއް ގޭނިގެންނެވެ. ކާމިޔާބަކީ އަގަކާނުލާ ލިބޭ އެއްޗެއް ނޫނެވެ. 

3. ބަލާހޯދުން 
ދުނިޔޭގައި މީހުން ކަންކޮށް އުޅެނީ ކިހިނެއްކަމާއި، ކަންކަމުގައި ކާމިޔާބަށް ވާޞިލުވަނީ ކިހިނެތްކަން ބަލާ ހޯދަންޖެހެއެވެ. ކިޔައިގެންނެވެ. ބަލައިގެންނެވެ. ތަޖުރިބާކޮށްގެންނެވެ. އަނެކުން ކައިރީގައި އަހައިގެންނެވެ. އެހެން ތަންތަނަށް ޒިޔާރަތްކޮށްގެންނެވެ. ފާހަގަކުރެވޭ އިލްމުވެރިންނާއި ހުނަރުވެރިންގެ ގޮތްތަކާއި ފޮތްތަކުންނެވެ. މޮޅުހާ ލިޔުންތަކުންނެވެ. މި މޭރުމުން ބަލާބެލުމުގައި، ނަޕޯލިއަން ހިލް ގެ "ތިންކް އެންޑް ގްރޯ ރިޗް" އާއި ނޯރމަން ވިންސެންޓް ޕެލޭ ގެ "ދަ ޕަވަރ އޮފް ޕޮސިޓިވް ތިންކިންގ" ފަދަ ފޮތްތަކަކީ ކިޔާލަން ހަމަ ބުއްދިވެރި ފޮތްތަކެވެ. 

4. ވަގުތުގެ އެދެވޭ ބޭނުން ހިފުން
ވަގުތު ބޭކާރުކުރުމެއް ނެތެވެ. ވަގުތު ހޭދަކުރަންވީ ނަތީޖާނެރުމަށް އެންމެ ބޮޑަށް ބާރުއަޅަނީ ކޮންދިމާއަކުންތޯ ބަލާ، އެ މަސައްކަތަކަށެވެ. ނަތީޖާއާއި ގުޅުން ކުޑަ ދިމަދިމާއަށް ނުވަތަ އެއްވެސް ގުޅުމެއް ނެތް ދިމަދިމާއަށް ލޮލާއި ކަންފަތްދިނުމަކީ ކާމިޔާބުވުމަށް މަގުފަހިކޮށްދޭނެކަމެއް ނޫނެވެ. އެހެންކަމުން، ކޮންމެ ހާލަތެއްގައިވެސް އަމާޒާއި މީޒާން ސާފުވާންވާނެއެވެ. 

5. އަޚުލާޤު 
އަޚުލާޤަކީ ޗުއްޓީނެގުމެއް ނެތްކަމެކެވެ. ހަމަ ކޮންމެ ދުވަހަކު، ކޮންމެ ކަމެއްގައި، ކޮންމެ ތަނެއްގައިވެސް މީހާ މީހަކަށް ހަދައިދެނީ އަޚުލާޤެވެ. އެމީހަކުގެ ލަނޑުދަނޑިއާއި އެ ލަނޑުދަނޑިއަށް ވާޞިލުވުމާއިދެމެދުގައި އެޅިފައިވާ ފާލަމަކީ އަޚުލާޤެވެ. އަޙުލާޤަކަށް އިތުރު ބަދަލުވެރިއަކު ނުވެއެވެ. އެހެންކަމުން، އަޚުލާޤަކީ މީހާގެ މިނިވަންކަމާއި އުފަލަށް އޮތް ހުރަހެއްކަމުގައި ދެކުމުގެ ބަދަލުގައި ޚުލްޤުހެޔޮވާނެ ކޮންމެކަމެއްވެސް ކުރުމުގެ މަތީގައި ދެމިހުރުމަކީ މުހިންމު ކަމެކެވެ. އަޚުލާޤު ރަނގަޅު މީހަކަށްވުމަށް ބައެއް މީހުން 4ޑީ އެއްގެ ވާހަކަ ދައްކައެވެ.
  • ޑިޒައަރ: ހުރި ހިސާބުން އައު ހިސާބަށް ބަދަލުވުމަށް ޝައުޤުހުރުން 
  • ޑިޒިޝަން: ނަތީޖާނެރުމަށް ކުރަންޖެހޭ ކަންކަންކުރުމަށް ކަނޑައެޅިގެން ތައްޔާރަށް ހުރުން 
  • ޑިސިޕްލިން: ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވުމަށްޓަކައި ހުރިހާ އަޑިގަނޑަކާއި އުސްގަނޑެއްވެސް ހުރަސްކުރުން 
  • ޑިޓަރމިނޭޝަން: ނަތީޖާނެރެވެންދެން ހިތްވަރުކުރުން 
6. ގަދައަޅާ މަސައްކަތްކުރުން 
ކާމިޔާބީ އަކީ ފެށި މަސައްކަތެއްގެ އެދެވޭ ނިމުމެވެ. އެހެންކަމުން ނިމުމަށް ވާޞިލުވަންދެން މެދުނުކެނޑި ގަދައަޅާ މަސައްކަތްކުރަންޖެހެއެވެ. މޮޅުވާ މީހާއަކީ ވެއްޓުނީމާ އަވަހަށް ތެދުވެ ދުއްވައިގަންނަ މީހާއެވެ. މޮޅުވާ މީހުންގެ ތެރޭގައި ހުއްޓާލާ މީހުނެއް ނުހިމެނޭނެއެވެ. ހަމަ އެހެންމެ ހުއްޓާލާ މީހުންގެތެރޭގައި މޮޅުވާ މީހުނެއްވެސް ނުހިމެނޭނެއެވެ. އެހެންކަމުން، ކާމިޔާބީއަކީ ހުނަރާއި ކުޅަދާނަކަމާއި ނަސީބުގެ އިތުރަށް، އެ މީހަކު މެދުނުކެނޑިކުރާ މަސައްކަތުގެ މޭވާއެވެ. 

7. ގޯހުން ދަސްކުރުން 
ދިވެހިން ބުނަނީ ބުޅި ކެނޑޭނީ ކެޔޮޅުން އަތުން ކަމަށެވެ. އެހެންކަމުން، ފަސްޖެހެންވީ ކޮންކަމަކާތޯއެވެ؟ ކަން ކުރާ މީހާގެ އަތްފައިން ބައެއްފަހަރު ގޯސްވެސް ހެދޭނެއެވެ. އެކިފަހަރު އެކިވަރަށެވެ. ވަރަށް މުހިންމުކަމަކީ ކުރިމަގުގެ މޮޅާއި ލާބަޔަށްޓަކައި މާޒީން އިބުރަތްލިބިގަނެގެން، ގޯހުން ދަސްކޮށްގެން، ވިސްނުންތެރިކަމާއެކު ކުރިޔަށްގެންދިއުމެވެ. ތާރީޚުން ފެންނަންއޮތީ، ނަތީޖާ ނެރުނު މީހުން ނެރެފައިވަނީ ކިތެންމެ ފަހަރަކު ފެއިލްވުމަށްފަހުގައި ކަމެވެ. އެއަދި ތޯމަސް އެޑިސަން ކަމުގައިވިޔަސް، އަލްބަރޓް އައިންސްޓެއިން ކަމުގައިވިޔަސް، ފްރޭންކްލިން ޑި ރޫޒްވެލްޓް ކަމުގައިވިޔަސް، އަދި ރައީސް ނަޝީދު ކަމުގައިވިޔަސް އެކަން އޮތީ އެހެންނެވެ. 

ބައެއް މީހުން ބުނެއުޅޭ ގޮތުގައި ގޯހުން ދަސްކުރުމުގައި 4 ކަމަކަށް ވިސްނަން ޖެހެއެވެ. އެއީ؛
  • ފިޔަވަޅު އެޅުން 
  • މުރާޖާކުރުން 
  • ގޮތް ކަނޑައެޅުން 
  • އަލުން ފިޔަވަޅު އެޅުން
8. ހަރަކާތްތެރިވުން 
ހަތަރުދަމު ނިދައިގެން ކަމެއް ނުކުރެވޭނެއެވެ. ހަތަރެސްފަޔާއި ސިކުނޑިވެސް ހަރަކާތްތެރިކަންމަތީގައި ހިފެހެއްޓުމަކީ ނުހަނު މުހިންމުކަމެކެވެ. ކަންނެތްކަމަށް ޖާގައެއް ނުދީއެވެ. މި މޭރުމުން މިކަން ހިންގޭނީ އިހުގައި އެނގިފައި ހުރި ކަންކަމާއި މިހާރުގެ ހާލަތު ގުޅުވާލައިގެންނެވެ. އަޑާއި މަންޒަރާއި ކުރެހުންތަކާއި ނޯޓުތައް ތަރުތީބުކޮށްލައިގެންނެވެ. އަބަދުވެސް، ސިކުނޑި ހިނގަހިނގާ ހުންނަކަން ކަށަވަރުކޮށްގެންނެވެ. 

9. މަސައްކަތުގެ މައްޗަށް އިޚުތިޔާރުއޮތުން 
އަނެކާ ގޯސްކުރުމަކުން ތިމާގެ މަސައްކަތް ފުރިހަމައެއް ނުވާނެއެވެ. އެ މީހެއްގެ މަސައްކަތަށް ޒިންމާވާނީ އެ މީހެކެވެ. އެ މަސައްކަތް އެ މީހަކު ރާވާ ހިންގާ ގޮތުގެ މައްޗަށް އެ މީހެއްގެ އަމިއްލަ އިޚުތިޔާރާއި ބާރު އޮންނަންވާނެއެވެ. އުޒުރު ދެއްކުމަކީ އޮންނަންވީ ކަމެއް ނޫނެވެ. ބަހަނާދެއްކުމަކީ ނަތީޖާނެރެދޭ ކަމެއްނޫނެވެ. އުޒުރުވެރިން އަބަދުވެސް އެގޮތުގައި ތިބެނީއެވެ. ކާމިޔާބު ހޯދަނީ، ކުރާ ކަމުގެ މައްޗަށް އަމިއްލަ ނުފޫޒުއޮވެގެން އެމީހަކު ހިތުން ރުހުމުން ކުރާ މީހާއެވެ. 

10. އަނެކުންނަށް އިޚުތިރާމްކުރުން
މުދައްރިސުންނަށާއި މަދަދުދާރުންނަށާއި އެނޫންވެސް އެހީތެރިންނަށް ހެޔޮހިތުން އިކުތިރާމްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަބަދުވެސް، މަދަދުދާރުންގެ ފަރާތުން ޢިލްމީ އަދި ހިލްމީ ފިލާވަޅުތައް ހޯދަންވާނެއެވެ. އެބައިމީހުންގެ ތަޖުރިބާއާއި ކާމިޔާބަށް ކަންފަތްދޭންވާނެއެވެ. ތިމާކުރާ ކަމެއްގެ މައްޗަށް، ލަފާދާރުންގެ ހެޔޮބަސް މެދުނުކެނޑި ލިބެން އޮތުމަކީ ހާސް ނިއުމަތެވެ. 

11. އަމިއްލަ ނަފުސާ ވާދަކުރުން 
ކޮންމެ ކަމަކީ އަނެކުންނާ ވާދައަށް ކުރާކަމެއް ނޫނެވެ. ވާދައަކީ އެމީހެއްގެ ނަފުސާ ކުރަން އޮތް ކަމެކެވެ. ކުރީ ފަހަރަށްވުރެ މިފަހަރު ރަނގަޅު ކުރުމަށެވެ. ނަފުސަށް ވާދަކުރުމަކީ އެ މީހާ އަމިއްލައަށް ކަނޑައަޅާފައިވާ މިންގަޑެއްކަމުގައި ވާ ހިނދު، އަބަދުވެސް މިންގަނޑު މައްޗަށް އުފުލުމަށް މަސައްކަތްކުރުމަކީ ފަރުދީ ކާމިޔާބަށް އޮތް ވަރަށްބޮޑު ފަސޭހައެކެވެ. 

12. ހަރުދަނާކުރުންމަތީގައި ހިފެހެއްޓުން 
ރަނގަޅުކުރާނެ ޖާގަ އެއްވެސް އިރެއްގައި ހުހެއް ނުވާނެއެވެ. ޖަޕާނު މީހުންގެ ފަލްސަފާގައި ބުނާ ކެނޑިނޭޅު ހަރުދަނާ ކުރަމުން ގެނދިއުމުގެ ވިސްނުން ނުވަތަ ކައިޒެން އަކީ ހަމަ ހުރިހާ އެންމެންވެސް ގެންގުޅެން ރަނގަޅު ފަލްސަފާއެކެވެ. ކޮންމެ މީހަކީވެސް އެންމެ ފުރިހަމަ މީހާކަމުގައި ނުވާތީއެވެ. އެހެންކަމުން، ވަރަށް މުހިންމު ކަމަކީ ކޮންމެ ސިކުންތަކާއި ކޮންމެ ވަގުތެއްގައިވެސް އަދި ކޮންމެ ތަނަކާއި ހާލަތެއްގައިވެސް އެ މީހަކުގެ އަމިއްލަ ނަފުސު ހަރުދަނާކުރުމުގެ މަތީގައި ޘާބިތުވުމެވެ. ކަންކަމާމެދު ހެޔޮކޮށް ވިސްނާ، އުފެއްދުންތެރި ސިކުނޑީގެ އަހުލުވެރިންނާއެކު ދުވަސް ހޭދަކުރުމެވެ. އެމުނިއެކުލެވިގެން އުޅުމުގެ ތެރެއިން ކާމިޔާބީ ހޯދުމެވެ.
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved