ސިޔާސީ ޕާޓީ އަކީ ކޮބާ؟

Sunday, 23 September 2018 | 23:06

ދައުލަތެއް އުފެދިގެން އަންނަނީ ތަފާތު ބަހާތަކެއް އެމުނިއެކުލެވިގެންނެވެ. އޭގެ ތެރޭގައި، ސަރަހައްދީ އިން ވަކިވެފައިވާ ފަސްގަނޑެއް އޮތުމާއި، އެ ފަސްގަނޑުގައި ދިރިއުޅޭ އާބާދީއެއް އޮތުމާއި، އެ އާބާދީގެ މައްޗަށް ވެރިކަން ހިންގާނެ ސަރުކާރެއް އޮތުމުގެ އިތުރަށް އެ ފަސްގަނޑާއި އާބާދީ އެހެން ހުރިހާ ފަރާތެއްގެ އަޅުވެތިކަމުން ނަޖާވެފައިވުން ހިމެނެއެވެ.

ދެންފަހެ، އެ ދައުލަތުގެ ކަންކަން ރައްޔިތުން އެދޭގޮތުގެ މަތިން ކުރިޔަށް ގެންދިއުމަށްޓަކައި ރައްޔިތުންނާއި ވެރިންނާއި ދެމެދުގައި ހެދޭ އަހުދުނާމާއެއްގެ ދަށުން އެ ރައްޔިތުންގެ މައްޗަށް ވެރިން އައްޔަންވެގެން ދެއެވެ. އެ ވެރިންގެ މައިގަނޑު މަސްޢޫލިއްޔަތަކީ ބޭރުގެ ނުފޫޒުން ދައުލަތް ހިމާޔަތްކުރުމާއި، އެތެރޭގެ ސުލްހަމަސްލަހަތު ހިފެހެއްޓުމާއި، ރައްޔިތުންގެ މެދުގައި އަދުލުވެރިވުމާއި، ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ. ބަދަލުގައި ރައްޔިތުން ވާ ޤުރުބާނީ ކުޑައެއް ނޫނެވެ. އެއީ، ހިތުހުރިގޮތަކަށް އުޅުމުގެ ބަދަލުގައި، ވެރިކަމުގެ ފަރާތުން ބަޔާންކުރާ ގޮތެއްގެ މަތިން އުޅެމުން ގެންދިއުމެވެ. ވެރިކަމުގެ ފަރާތުން ހަދާ ޤާނޫނާއި ޤަވައިދުތަކަށް ބޯލަނބާ ކިޔަމަންގަނެގެން އުޅުމެވެ.

ދުނިޔެ އެނބުރެމުން ސެނބުރެމުން ގޮސް، މިއަދު ވެރިކަމުގެ ސެހެންޝާހާއި އިއްޒަތާއި ލައްޒަތު ކުޑަވެއްޖެއެވެ. ވެރިކަން ވަނީ ރައްޔިތުން އަތްފޯރާފަށަށް އައިސްފައެވެ. ރައްޔިތުންނަކީ ފަހުބަސް ބުނާބަޔަކަށް މިވަނީ ވެފައެވެ. ވެރިކަމުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށް މިވަނީ ވެފައެވެ.

އެހެންކަމުން، ކިތެންމެ ދަތިކަމެއްކަމުގައި ވީނަމަވެސް، ހަމަ ކޮންމެ ރައްޔިތު މީހެއްގެ އަޑުވެސް މިވަނީ އަހަންޖެހިފައެވެ. ނަތީޖާއަކީ، އެ ރައްޔިތުން ތަމްސީލުކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިގެން ދިއުމެވެ. ރިޕްރެޒެންޓެޓިވް ޑިމޮކްރެސީއަށް ދުނިޔެ އޮލަނބުވުމެވެ.

ކަން މިހެން އޮތުމާއެކު، ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކާ އެ މީހަކަށް ފެންނަ ޚިޔާލަކައިގެން ކޮންމެ މީހަކުވެސް ނުކުމެއްޖެއެވެ. މިގޮތުން އެމީހަކު ފިކުރާވާ އަނެކާވެސް ހޯދައިފިއެވެ. އަދި މި އެންމެން ފިކުރީގޮތުން އެއްގަލަކަށް އަރައިފިއެވެ. މިބައިމީހުން ޖަމާއަތެއްގެ ސިފައިގައި ހަރަކާތްތެރިވާން ފަށައިފިއެވެ. އާދެ، ސިޔާސީ ޕާޓީއަކަށް ވެއްޖެއެވެ.

ސިޔާސީ ޕާޓީއަކީ ކޮބައިތޯއެވެ؟ އާދެ، ސިޔާސީ ޕާޓީއަކީ ވަކި ސިޔާސީ ފަލްސަފާއަކަށް ރުހިގެން، ސިޔާސީ ވަކި ހަމަތަކެއް ޤަބޫލުކޮށްގެން، ވަކި ސިޔާސަތުތަކެއްގެ ތެރެއިން ދައުލަތާއި އެ ދައުލަތުގެ ބެލެނިވެރިކަމުގެ ދަށުގައިވާ އެންމެހާ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި، ރައްޔިތުންގެ ބަޔަކު އެއްގަލަށް އަރާތިބެ، ތަރުތީބުކޮށް އިންތިޒާމުކޮށް އުފައްދާ ޖަމާއަތެކެވެ.

އެކި އެކި ސިޔާސީ ބުއްދިވެރިންނާއި މުހައްލިލުން، ސިޔާސީ ޕާޓީއަކީ ކޮބައިކަން އެގޮތް މިގޮތަށް ބުނެދީ ހަދަތެވެ.

އަޔަލޭންޑް ގެ މަޝްހޫރު ސިޔާސީ މާހިރު އެޑްމަންޑް ބާރކް (1729 އިން 1797 އަށް) ލިޔުއްވާފައިވާގޮތުން، ސިޔާސީ ޕާޓީއަކީ ސިޔާސީ ގޮތުން ވަކި ފިކުރަކަށް އެއްބަސްވާ ބަޔަކު އެ ބައިމީހުންގެ ގުޅިފައިވާ މަސައްކަތުން ދައުލަތުގެ އެންމެ އިސް މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެކުލަވާލާ ޖަމާއަތެކެވެ.

އިނގިރޭސި ވިލާތައް އުފަންވެ ކެނެޑާގައި ރައްވެހިވެފައިވާ ސިޔާސީ ހޯދުންތެރިޔެއް ކަމުގައިވާ ސްޓެފަން ބަޓްލަރ ލީކޮކް (1869 އިން 1944 އަށް) ބުނެފައިވަނީ ސިޔާސީ ޕާޓީ އަކީ ރައްޔިތުންގެ ތެރެއިން ބަޔަކު އެކުވެގެން ހަރަކާތްތެރިވާ ސިޔާސީ ސަހުސެއް ކަމުގައެވެ. 
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved